ވިޔަފާރި

ދަނޑުވެރިކަމަށް ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ފުވައްމުލަކުގައި ޤާއިމްކުރަނީ


ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމަށް ބޭނުންވާ ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފަށައިފިއެވެ.

މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމްކުރަން އުޅޭ ނޭޝަނަލް އެގްރިކަލްޗަރ ލެބޯޓަރީ އެޅުމާއި ގުޅޭގޮތުން ފުވައްމުލަކު ކައުންސިލާއި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން އެ ލެބޯޓަރީ އަޅާނެ ބިމަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިކަމަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ހާމަކޮށްފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިސްމާއިލް ރަޝީދު ވިދާޅުވީ، މި ތަން ތަރައްގީކުރާނީ ރައްޔިތުން ބަލައިގަންނާނެ ފަދަ ގޮތަކަށް 4 ކަމަކަށް ހާއްސަ ލެބޯޓަރީއަކާއި އެކުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ފަސް ތަހުލީލު ކުރުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، އަދި ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަރ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އަދި މިހާތަނަކަށް ނެތް މިފަދަ މަލްޓިޕަލް ޑިސިޕްލިން ދަނޑުވެރިކަމާއި ބެހޭ ލެބޯރޭޓަރީއެއް ޤާއިމްކުރެވިފައެއް. މީގެތެރޭގައި އަޅުގަނޑުމެން 4 ލެބޯޓަރީއެއް އެބަ ޤާއިމްކުރަން އެއް އިމާރާތެއްގެ ތެރޭގައި. އޭގެތެރޭގައި ރާއްޖޭގައި ފަސް ތަހުލީލުކުރާ (ސޮއިލް ސައިންސް) ލެބެއް، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެފަދަ ލެބެއް، މީގެއިތުރުން އެނގިވަޑައިގަންނަވާނެފަދައިން ބައެއް ކަހަލަ ބަލިތައް އެބަހުރި މިހާރު ރާއްޖޭގައި ވަރަށް ނުރައްކާތެރި ހާލަތައް ގޮއްސައި. މިސާލަކަށް ރުކައް ޖެހޭ ރުކުމަޑި. އެހެންވީމަ މިފަދަ ތަކެތި ކޮންޓްރޯލް ކުރެވޭނެ ބަޔޯ ކޮންޓްރޯލް ތަފާތު ބާވަތްތައް އިތުރުކުރުންވެސް މިބައިގައި ހިމެނޭ. އަޅުގަނޑުމެންގެ މަޤްސަދަކީ ގަހުގެ ޓިޝޫ ނަގައިގެން ޓިޝޫ ކަލްޗަރ ލެބޯރޭޓަރީއެއްވެސް މީގެތެރޭގައި ޤާއިމްކުރުން." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭއިރު، ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ، މިކަމަށް ބޭނުންވާ ބިން ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފަށާނެކަމަށެވެ. އަދި އިމާރާތުގެ ކޮންސެޕްޓްވެސް މިހާރު ކުރަހާ ނިމިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިސާދުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދަނޑުވެރިކަމަށް ޙާއްސަ ކުންފުންޏެއްވެސް މި ސަރުކާރުން ވަނީ އުފައްދަވާފައެވެ.