ޚަބަރު

ވޯޓު ލިބޭ ޢަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޭން މަޖިލީހުން ރުހުން ދީފި


އިންތިޚާބުގައި ވޯޓު ލިބޭ ޢަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅާފައިވާ ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައްޔާއި އެއްޕާޓިން އަނެއް ޕާޓީއަށް މީހުން ބަދަލުކުރުމުގައި އަދި ޕާޓިން މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ވިދާޅުވެ މަޖިލީހަށް މައްސަލަ ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީގެވެ.

މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވިއިރު ވަނީ އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ގިނަ މަޢުލޫމާތުތަކެއް ހޯދާފައެވެ. އަދި އެގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ އެކަންކަން ހިމަނާފައެވެ.

ކޮމިޓީން ހޯދި ހޯދުންތައް:

* ފިންގަރ ޕްރިންޓް ވެރިފައި ކުރެވޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުގައި ނެތުން
* ހުށައަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޗެކްކުރަނީ 25 އިންސައްތަ ފޯމްކަން
* ހުށައަޅާފައިވާ ފޯމު ޢަދަދާމެދު ސުވާލު އުފެދިއްޖެ ހާލަތުގައިވެސް ދެބައިކުޅަ އެއްބައި ފޯމް ޗެކުކުރާކަން
* ޕާޓިން ވަކިވާން ހުށައަޅައި 14 ދުވަހުގެތެރޭގައި ވަކި ނުކޮށްދީފިނަމަ އީސީއަށް ހުށައެޅުމުން ޕާޓިން ވަކިކޮށްދޭކަން
* ފޯމުގައި ހުރި މަޢުލޫމާތުތައް ކަށަވަރުކުރުމަށް ހެކިން ޙާޒިރުކޮށްގެން ކަށަވަރުކުރެވޭނެ ޤާނޫނީ ބާރުވެރިކަން އީސީގައި ނެތުން

ކޮމިޓީގެ ހޯދުންތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުންވަނީ އެކޮމިޝަނުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ހައްލުތަކެއްވެސް ހުށައަޅާފައެވެ. އެގޮތުން އީސީން ވަނީ ސިޔާސީ ޕާޓިއެއްގައި ރަޖިސްޓްރީވުމަށް ހުށައަޅަ ފޯމްތައް އީސީގެ ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެގޮތެއް ހަމަޖެއްސުމާއި، ޕާޓީތަކަށްވެސް އެޕޯޓަލްގެ އެކްސެސް ދީގެން ޕާޓީތަކަށް މީހުން ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުށައަޅާފައެވެ. އެކަމުގެ ސަބަބުން އެއްވެސް މީހަކު އެއް ޕާޓީއަށްވުރެ ގިނަ ޕާޓީގައި ރަޖިސްޓްރީވެފައި ނޯންނާނެކަން ކަށަވަރުކުރެވޭނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ.

ޞައްޙަ ނޫން ފޯމް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ މައިގަނޑު ސަބަބަކީ ދައުލަތުން ޕާޓީތަކަށް ފައިސާ ޚަރަދުކުރަމުންދާތީކަމަށާއި، ދައުލަތުން ޕާޓީތަކަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަކަށް ގެނެސްފިނަމަ އެކަން ހައްލު ކުރެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއަށް މީހުން ވެއްދުމާއި ވަކިކުރުމުގެ މައްސަލަތަކަށް އޮތް ހައްލަކީ އިންތިޚާބުގައި ވޯޓު ލިބޭ ޢަދަދަށް ބަލައިގެން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލު ހަމަޖެއްސުންކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރަށް ބަލައިގެން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އެކޮމިޝަނުން ވަނީ މަސައްކަތް ފަށާފައެވެ. ޕާޓީތަކަށްދޭ ފައިސާގެ އުސޫލު އިސްލާހު ކުރަންޖެހޭ ކަމަށް ޕާޓީތަކުންވެސް ޤަބޫލުކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީއަކަށް މިއަހަރު ވަނީ ފައިސާ ދޫކޮށްފައެވެ.

ހަތަރު ސިޔާސީ ޕާޓީއަކަށް ދޫކުރި ފައިސާތަކުގެ އަދަދު:

އެމްޑީޕީ، 54،660 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
ޕީޕީއެމް، 34،237 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
ޖޭޕީ، 20،107 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
އަދާލަތު ޕާޓީ، 10،554 މެމްބަރުން، ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއަކީ އެމްއެންޕީއެވެ.