ދުނިޔޭގެ ވިޔަފާރި

ފޯޑްއިން ރަޝިއާގައި ހިންގާ ވިޔަފާރި ހުއްޓާލަނީ


އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޯ މޮބައިލް ކުންފުނި. ފޯޑު މޮޓޯއިން ރަޝިއާގައި ހިންގާ ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ.

ރަޝިއާގައި ފޯޑްއިން ހިންގާ ވިޔަފާރި ހުއްޓާލަން ނިންމާފައިވާއިރު، ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާގައި ހިންގާ ވިޔަފާރި އެހެން ބައެއް ކުންފުނިތަކުންވެސް ވަނީ ހުއްޓާލާފައެވެ.

ފޯޑުގެ ރަޝިއާ ވިޔަފާރިތައް މިއަހަރު ކުރީކޮޅު ބަންދުކުރުމާއި ގުޅިގެން 122 މިލިއަން އެމެރިކާ ޑޮލަރުގެ ރައިޓްޑައުންއެއް އެ ކުންފުނިން ވަނީ ނަގާފައެވެ. ނަމަވެސް ރަޝިއާ ވިޔަފާރި ހުއްޓާލާނެ ކަމަށް ބުދަ ދުވަހު ކުރި އިއުލާނާއި ގުޅިގެން އެއްވެސް ރައިޓްޑައުން އެއް ނުނަގާނެ ކަމަށް ފޯޑުން ބުނެއެވެ.

ދިރާސް ކުރާ ފަރާތްތައް ލަފާކޮށްފައިވާ ގޮތާއި އެއްގޮތަށް 2021 ވަނަ އަހަރު ފޯޑުން ވަނީ ރަޝިއާގައި 20000 ވެހިކަލް ވިއްކާފައެވެ. ފޯޑުގެ ރަޝިއާ އޮޕަރޭޝަންސްތައް ހުއްޓާލާފައިކަމަށް އެ ކުންފުނިން އިއުލާނުކުރީ މިއަހަރުގެ މާޗް މަހުއެވެ.

ރަޝިއާގައި ހިންގާ ދެ އެސަމްބަލީ ކާރުޚާނާއާއި އިންޖީން ފެކްޓްރީއެއް ބަންދުކުރާނެ ކަމަށް 2019 ވަނަ އަހަރުވެސް ފޯޑުން ވަނީ ބުނެފައެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ހުޅަނގުގެ ގިނަ ކުންފުނިތަކަކުން އަންނަނީ އެމީހުންގެ ރަޝިއާ ވިޔަފާރިތައް ބަންދުކުރަމުންނެވެ. އެގޮތުން ފޯޑުގެ ކުރިން ސިސްކޯ ސިސްޓަމްސް އިންކް އަދި ނައިކީއިންވެސް ވަނީ އެމީހުންގެ ރަޝިއާ ވިޔަފާރި ބަންދުކޮށްފައެވެ. އަދި ރަޝިއާގައި ހިންގާ ވިޔަފާރި ހުއްޓާލާނެ ކަމަށް މަސީޑީޒް ބެންޒްއިން ވެސް މިދިޔަ ބުދަ ދުވަހު ވަނީ ހާމަކޮށްފައެވެ.