ޚަބަރު

މިޖީލު ވާންޖެހޭނީ އަންނަން އޮތް ޖީީލަށް އިސްލާމްދީން ފޯރުކޮށްދޭ ބަޔަކަށް


ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚުން ފެންނަން އޮތް ގޮތުގައި، ރާއްޖޭގައި އޭރު އާބާދުވި މީހުން އެކި ދީންތަކަށް އެކި، އެއްޗެއްސަށް އަޅުކަން ކުރިއެވެ. ބުދު ދީނާއި، ހަނދަށާއި، އަދި މިނޫންވެސް، އިސްލާމްދީން ނޫން ދީންތަކަށް އަޅުކަން ކުރިކަމުގެ ހެކި ރާއްޖޭގެ ރަށްތަކުން މިހާރުވެސް ފެންނަން އެބަހުއްޓެވެ.

ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ. ރާއްޖެއަށް އިސްލާމް ދީނުމުގެ ޙިދާޔަތް ލިބުނު ދުވަސް ފާހަގަކުރަނީ، އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އެއީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރުމަހުގެ 2ވަނަ ދުވަހެވެ. މީލާދީން 1153 ވަނަ އަހަރުއެވެ. މިއަދު މި ފާހަގަކުރަނީ ރާއްޖެ އިސްލާމްވިތާ ހިޖްރީގޮތުން 896ވަނަ އަހަރެވެ.

އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވިި ސްރީތިރިބަވަނަ އާދީއްތިޔަ މަހާރަދުންގެ ނަން، މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

އެއަށްފަހު މުޅި ރާއްޖެއަށް އިސްލާމްދީން ފެތުރިގެން ދިޔައެވެ. އެކަމުގައި އޭރުގެ ދަރުމަވަންތަ ރަސްގެފާނު މިންނެތް މަސައްކަތްޕުޅުތައް ކުރެއްވިއެވެ. ދަރުމަވަންތަ ރަސްގެފާނުގެ ނަމަށް ނިސްބަތްވާގޮތަށް، ދަރުމަވަންތަ ސްކޫލާއި ދަރުމަވަންތަ މިސްކިތަށް ނަން ދިނުމަކީ، އެ ޒިކުރާ މިއަދުވެސް އާކުރާކަމުގެ ހެއްކެވެ.

ތާރީޚުން އެނގެން އޮންނަ ގޮތުގައި ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ރަސްމީގޮތުން ފާހަގަކުރީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްގެ ރަސްކަމުގައި، ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ މީލާދީން 1374 ވަނަ އަހަރުއެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މި ކުޑަ ދިވެހި ޤައުމަށް ލިބުނު މަތިވެރި ނިޢުމަތް ހަނދާންކޮށް، އިސްލާމީ ވަޙުދަތު ކުރިއަށް އޮތް ޖީލުތަކަށް މިގޮތުގައި ފޯރުކޮށްދިނުމަށް ބާރު އެޅުމެވެ.

އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ގަދަރަށް އެއްވެސް އުނިކަމެއް ނުގެނައުމުގެ ޢަޒުމް ކަނޑައަޅަންޖެހެއެވެ. ރާއްޖެ އިސްލަމް ވުމަށް ފަހުގައިވެސް ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ރާއްޖެއަށް ގަދަވެ، މި ބިމުން އިސްލާމް ދީން ފުހެލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް އައްޑަނައަކަށްވެ ދިވެހިން ނަސްރު ހޯދިއެވެ.

ނަމަވެސް ބަދަލުވަމުން އަންނަ މުޖުތަމަޢުގައި، ކުރިން ކުރި ކަނޑި ބަޑީގެ ހަނގުރާމަ މިހާރު ވަނީ ފިކުރީ ހަނގުރާމައަކަށް ބަދަލުވެފައެވެ. އެކި ކަހަލަ ޓެކްނޮލޮޖީއާ ސޯޝަލް މީޑިއާއާއެކު، މީހުންގެ ވިސްނުމާ ކުޅެލުމަށް އަންނަ ހަމަލާތަށް ވަނީ އިތުރުވެފައެވެ. ޅަދަރިން ހެދިބޮޑުވަމުން އަންނައިރު، އެ ކުދިންގެ ސިކުޑިތަކާ ކުޅެލައެވެ.

އެހެންކަމުން މިފަދަ ފިކުރީ ހަމަލާތަކުން މި ކުޑަ ޤައުމު ސަލާމަތްކުރުމަށް އެންމެ އެކުގައި މަސައްކަތް ކުރަން ޖެހެއެވެ. ބޮޑުވަމުން އަންނަ ޖީލަށް ދީނުގެ އަގުހުރި ފިލާވަޅުތައް ބުނެދިނުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އަޚުވަންތަކަން އިތުރުކުރަންޖެހެއެވެ. ޚިޔާލުތަފާތުވުންތަކުގައިވެސް އެކަކު އަނެކަކަށް އިހްތިރާމްކުރަންޖެހެއެވެ.

ކާބަފައިން މި ބިމާ ދީން ޙިމާޔަތްކުރި ގޮތަށް، މި ދީނުގެ ދިފާޢުގައި ތެދުވާބަޔަކަށް އަންނަ އޮތް ޖީލް ހެދުމަށް، މި ޖީލުގެ ވެރިން އަތުކުރި އޮޅާލަންޖެހެއެވެ.