ޗާގޯސް މައްސަލާގައި ކަން ހިނގާގޮތް ރައްޔިތުންނަށް އޮޅުވާލައި، އެއީ ބޮޑު ސިޔާސީ މައްސަލައަކަށް ހަދަން އިދިކޮޅުން މަސައްކަތްކުރާ ކަމަށާއި، އެކަމުގައި އިދިކޮޅުން ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ ސަރުކާރުން ރައްދު ދީފިއެވެ.
އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަން ރާއްޖެއިން ހާމަކުރުމާއި އެކު އިދިކޮޅުންނާއި، ބައެއް ގާނޫނީ ބޭފުޅުން ވެސް އައީ އެކަމާ ދެކޮޅަށް ވާހަކަދައްކައި އެ ނިންމުމަކީ އެތައް ގޮތަކުން ރާއްޖެއަށް ގެއްލުންވާނެ ނިންމުމެއް ކަމަށް ބުނަމުންނެވެ. ވަކިން ޚާއްސަކޮށް މި ނިންމުމަކީ މޮރިޝަސްއާ އެކު ހަދާފައިވާ ޑީލްއެއް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކޮށްފައިވެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމަށް ރައްދުދެއްވައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައިގެން އިދިކޮޅުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. ސަރުކާރުން ޑީލްއެއް ހަދާފައިވާ ކަމަށް ބުނެ ދައްކާ ވާހަކައާ ގުޅިގެން މިއުވާން ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ކަމަކަށް ފައިސާއާ ގުޅުވައިގެން ނޫން ގޮތަކަށް އިދިކޮޅުން ފާޑުނުކިޔާ ކަމަށެވެ. އެކަމަކު ކަމުގެ ހަގީގަތް ރަނގަޅަށް ބަލައިފިނަމަ މިއީ އެއްވެސް އެކަހަލަ ގުޅުމެއް އޮތް މައްސަލައެއް ނޫން ކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ. މިއުވާން ވިދާޅުވީ ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުން ވެސް ރަނގަޅަށް މި މައްސަލަ ދިރާސާ ނުކޮށް މިފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑަށް އޮޅުވާލަން އެކި ވާހަކަތައް އެބަ ދައްކާ. ކޮންތާކުން ކޮން ފައިސާއެއް ނަގާފަ އޮވެގެންތޯ މި ވާހަކަ މި ދައްކަނީ؟ ކޮން ޑީލެއް ހަދާފައި އޮވެގެންތޯ؟ ޗާގޯސް އައިލެންޑް މައްސަލާގައި ކަން ހިނގާ ދިޔަ ގޮތް ވަރަށް ސާފުކޮށް އެއޮތީ ފެންނަން." މިއުވާން ވިދާޅުވިއެވެ.
2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި އަދި 2019 ވަނަ އަހަރު މި ސަރުކާރުގައި ވެސް ރާއްޖެއިން މި މައްސަލާގައި ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށްކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ 2019 ގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖެ އެރުމުން ވެސް އިދިކޮޅުން ވަރަށް ކަންބޮޑުވި ކަމަށެވެ. އޭރު ވެސް ރާއްޖެއިން ނެގި އެ ސްޓޭންޑަކީ އެކި ގޮތް ގޮތުން ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔައި ރާއްޖެއިން މޮރިޝަސްއަށް މާފަށް އެދެން ޖެހޭ ކަމަށް ބުނެ ވަރަށް ގިނަ ޖަޒުބާތީ ވާހަކަތައް ދެއްކި ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިސްޓޭންޑް ބަދަލުކުރާ ވާހަކަ ދެއްކެވީމަ، އެ ބޭފުޅުން ވިދާޅުވާ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުންގެ ވިސްނުންތަކާ ރާއްޖެ ކައިރިއެއްނޫންތޯ މިވީ؟ ދެން ކޮން ވާހަކައެއްތޯ މިހާރު އެ ދައްކަވަނީ؟ ހަމަ އެ ބޭފުޅުން ބޭނުންވި ގޮތަށް ދެއްތޯ ކަންތައް މިވީ. މިހާރު ފައިސާ ނެގި ކަމަށް މިވީ،" މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ސަރުކާރުން މިހާރު ކަންކޮށްފައި އެވަނީ އިދިކޮޅުން ބޭނުންވި ގޮތަށް ކަމަށެވެ.
މިއުވާން ވިދާޅުވީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު މެއިމަހު ނިންމި އިރުވެސް އެ ނިންމުން ތަންފީޒުކުރަން ނުފެންނަ ކަމަށް އދ. ގައި ބުނި ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. މިހާރު ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލިޔަސް ނުލިޔަސް އެކަމުގައި މޮރިޝަސްއަށް ވާނެ ގެއްލުމެއް ވެސް ފައިދާއެއްވެސް ނެތްކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެހެންވީމަ ވިއްކަން ޖެހޭ އެއްޗެއް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.