ޚަބަރު

އެމްއެންޔޫ ދަރިވަރުންގެ ނަމޫނާ ސާކް ސަމިޓު ވަރަށް ކާމިޔާބު


ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ނަމޫނާ ސާކްސަމިޓެއް ބާއްވައިފިއެވެ.

ނަމޫސާ ސާކް ސަމިޓަކީ އެމްއެންޔޫގެ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދަރިވަރުންގެ ފަހު އަހަރުގައި ކުރިއަށްގެންދާ ޙަރަކާތެކެވެ. އެމްއެންޔޫއިން ވިދާޅުވީ މިއަހަރުގެ ފަހު ސެމިސްޓަރގައި ސަރަޙައްދީ ސިޔާސަތުތަކާއި ސާކްގެ ޢަމަލީ ތަޖުރިބާ ހޯދުމަށް ކުރިއަށްގެންދާ މާއްދާއެއްގެ ދަށުން ކުރިއަށްގެންދިޔަ މިޙަރަކާތުގައި ކޯހުގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.

މިގޮތުން މިޙަރަކާތުގައި ސާކްގެ އެކި ޤައުމުތައް ތަމްސީލުކުރުމާއި އޮބްޒާވަރު ޤައުމުތައް ތަމްސީލުކުރުމަށް 12 ދަރިވަރަކު ޙަރަކާތްތެރިވެފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. އަދި މިޤައުމުތަކާއި ޤައުމުތަކުގެ ސިޔާސީ މަޝްރަހާއި ސަރަޙައްދީގޮތުން ގެންގުޅޭ ސިޔާސަތުތައް ދަރިވަރުން ދިރާސާކޮށްފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

ދެބަޔަކަށް ކުރިއަށްގެންދިޔަ މިޙަރަކާތުގައި ފުރަތަމަ ސާކްގެ ރަސްމީ ބައްދަލުވުންތަކުގެ ނަމޫނާ ބައްދަލުވުން ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބައިގައި އޮތީ ސާކްގެ ޤައުމުތަކުގެ ޘަޤާފީ ޙަރަކާތްތައް ދައްކާލުމެވެ.

އެމްއެންޔޫއިން ވިދާޅުވީ، މިޙަރަކާތުގައި ރާއްޖޭގައި ހުންނަ ޤައުމުތަކުގެ ހައިކޮމިޝަންތަކުން ބައިވެރިވެފައިވާކަމަށެވެ. އެގޮތުން ޘަޤާފީ ޙަރަކާތްތަކުގައި ޕާކިސްތާނާއި ބަންގްލަދޭޝްއާއި ސްރީލަންކާއާއި އިންޑިއާގެ ހައިކޮމިޝަނުން އައިޓަމްތައް ހުށައަޅާފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

ސާކްއަކީ މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ހުންނަ ސަރަޙައްދީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް 7 ޤައުމު ހިމެނޭހެން އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ. ކޮންމެ ދެއަހަރަކުން ޤައުމުތަކުގެ އިސްވެރިން ބައިވެރިވާ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައިވީނަމަވެސް މިބައްދަލުވުން ނުބާއްވާތާ މިހާރުވަނީ 7 އަހަރުވެފައެވެ. އެންމެފަހުން ބައްދަލުވުން ބާއްވާފައިވަނީ 2014 ވަނަ އަހަރުގައެވެ.