ވިޔަފާރި

"ވާވޮށި ޓާރޓަލް ފެސްޓިވަލް 2022"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު


ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ "ވާވޮށި ޓާރޓަލް ފެސްޓިވަލް 2022"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ބައިންލައަޤްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ފެސްޓިވަލް ކުރިއަށްދާނީ ނ.ޅޮހި، ރ.ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، ވ.ކެޔޮދޫ އަދި ސ.ފޭދޫ، މި 8 ރަށުގައި އެއްފަހަރާއެވެ.

'ވާވޮށި ޓާރޓްލް ފެސްޓިވަލް' ކުރިއަށްދާނީ މި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެންނެވެ. މިގޮތުން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލް ގައި ބައިވެރިވެވޭނެއެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެސްޓިވަލް ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެއެވެ. އަދި 'ވާވޮށި ފެސްޓިވަލް ރެލީ'ގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިފެސްޓިވަލްއާއި ގުޅުވައިގެން ވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއްވެސް ހުޅުވާލާފައެވެ.

ދިރާގުން މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުޏީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒުކަމަށްވެސް އެ ކުންފުނިން ބުނެއެވެ.