ޚަބަރު

3 ޤައުމެއްގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝަހީބު އައްޔަންކުރުމަށް ރުހުންދީފި


ދިވެހިރާއްޖެއިން 3 ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހ.ޖެހޭވައި، އިބްރާހީމް ޝަހީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިބްރާހީމް ޝަހީބު އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވީ ކިންގްޑަމް އޮފް ބޫޓާން، ފެޑެރަލް ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ނޭޕާލް އަދި ރިޕަބްލިކް އޮފް އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްޓަކައެވެ.

މި ތިން ޤައުމުގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝަހީބު އައްޔަން ކުރުމަށްޓަކައި މިމައްސަލަ ދިރާސާ ކުރައްވާފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީ އިންނެވެ. ކޮމެޓީސް ފާސްކުރި ގޮތަށް ތިން ޤައުމަކަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޝަހީބު އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވީ 46 މެމްބަރުންގެ ވޯޓުންނެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އިބްރާހީމް ޝަހީބް، މީގެކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.