ޚަބަރު

މަޝްރޫޢުތައް ހުއްޓުނަ ނުދިނުމަށްޓަކައި ޓެކްސް ނިޒާމަށް ބަދަލު ގެންނަން ޖެހޭ: މެންބަރުން


މުވައްޒަފުންގެ މުސާރަތައް ކުޑަނުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުނަ ނުދިނުމަށްޓަކަށް މިވަގުތަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ޓެކްސް ބޮޑުކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް ހުށައަޅާފައިވާ އިޞްލާހާއި ގުޅިގެން، މުޅި މަޖިލިސް ކޮމެޓީގައި މެމްބަރުން ވަނީ މިވަގުތު ޓެކްސް ބޮޑު ކުރުމުގެ މުހިންމުކަމާއި، ދައުލަތް ހިންގުމަށްޓަކައި ބޭނުންވާ އާމްދަނީ ލިބޭނެ މަގު ފަހިކޮށްދޭންޖެހޭ ސަބަބުތަކަށް އަލި އަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މި ބިލު ދިރާސާކުރުމުގެ ކޮމިޓީ މަރުހަލާގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ލިބޭ މުސާރަ ކުޑަކޮށް، ވަޒީފާ ގެއްލި، ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުއްޓޭކަށް ނޭދޭކަމަށެވެ.

ޓެކްސްއަށް ގެންނަ ބަދަލާއިއެކު ކޮންމެ 1000 ރުފިޔާއަކުން ޓެކްސްގެ ގޮތުގައި ނެގެނީ 80 ރުފިޔާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ މިއީ މިހާރު ނަގަމުންދާ އަދަދަށްވުރެ އެންމެ 20 ރުފިޔާގެ މަތިވުމެއްކަމަށެވެ. ރޮޒައިނާ ވިދާޅުވީ ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީއާއި ހެޔޮ ބަދަލުތަކަށް ހުރަސް އެޅެން ބޭނުން ނުވާކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހަކު މުސާރަ ކުޑަކުރާކަށް ނޭދޭ. ވަޒީފާ ގެއްލޭކަށް ނޭދޭ. ހިލޭ ޑިގްރީއަށް ކިޔަމުންދާ ކުދިންނަށް އެފުރުސަތު ގެއްލޭކަށް ނޭދޭ. އާސަންދަ ކުޑަކުވާކަށް ބޭނުމެއް ނުވޭ. ރަށްރަށުގައި ހިންގާ ތަރައްޤީގެ ކަންކަން ހުއްޓެން އެއްވެސް ރައްޔިތަކު ނޭދޭ." ރޮޒައިނާ ވިދާޅުވިއެވެ.


ޓެކްސްގެ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދައުލަތް ހިންގުމަށްޓަކައި ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ދައުލަތުން ހިލޭ ފޯރުކޮށްދޭ ބޭސްފަރުވާއާއި ކަރަންޓުގެ ޚިދުމަތްވެސް ހެޔޮ އަގެއްގައި ފޯރޮކޮށްދެވެނީ ސަރުކާރުން ވަރަށް ބޮޑު އަދަދެއް ސަބްސިޑައިޒް ކޮށްގެން ކަމަށާއި، މުވައްޒަފުންގެ މުސާރަތައްވެސް ބޮޑުކޮށް، އަސާސީ އެހެން ކަންކަންވެސް ރަނގަޅު އަގެއްގައި ލިބޭނެ ގޮތް ހަދައި، ދެމެހެއްޓެވި ގޮތެއްގައި އެ ޚިދުމަތްތައް ފޯރުކޮށް ދެވޭނީ ޓެކްސް ބޮޑުކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މީހެއްގެ މުސާރަ ކުޑަކުރެވިދާނެތޯއޭ ސުވާލަކީ. މުސާރަތައް ބޮޑުކޮށް ރައްޔިތުން އެދޭކަންކަން ހާސިލް ކޮށްދެވޭނީ ސަރުކާރުން ބޭނުންވާ މިންވަރަށް އާމްދަނީވެސް ލިބިގެން." އަސްލަމް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ރާއްޖޭގައި ޓެކްސްގެ ނިޒާމު ތަޢާރަފް ކުރުމަށް ކުރި މަސައްކަތުގައި ކުރިމަތި ގޮންޖެހުންތަކަށްވެސް އަލި އަޅުވާލާފައެވެ. ރާއްޖޭގައި ޓެކްސް ތަޢާރަފް ކުރީވެސް 2008ގެ ފަހުންކަމަށްވާއިރު، ޓެކްސް ނެގުމާއި ދެކޮޅު ހެދި މީހުންނަށް މިއަދު މިބަދަލުގެ ސަބަބުން ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލު ފެންނާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

ޓެކްސްގެ ނިޒާމަކީ އަބަދުވެސް އިޤްތިޞާދީ ހާލަތަށް އަންނަ ބަދަލާއިއެކު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުންވެސް ބަދަލު ގެންނަ ނިޒާމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން މިގެންނަ ބަދަލަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ބަލާއިރު ނިސްބަތުން ވަރަށް ކުޑަ އަދި ރައްޔިތުންނަށް އެކަމުން ކުރާ އަސަރުވެސް ކުޑަ ބަދަލެއް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.