ޚަބަރު

އޭދަފުށްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ހަދަން ފަށަނީ


ރާއްޖޭގެ ހުރިހާ ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ މުހިއްމު އަމާޒެކެވެ. މީގެދަށުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ ބަޔަކާއި ޙަވާލުކޮށްފައެވެ. މީގެތެރެއިން ބ.އޭދަފުއްޓާއި ޅ.ނައިފަރުގެ ހޮސްޕިޓަލުގައި މިޚިދުމަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބ.އޭދަފުށީ ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު ރަޝީދު ވިދާޅުވީ އޭދަފުށީގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ބޭނުންވާ މެޝިނަރީއާއި އެހެނިހެން ހުރިހާކަމެއް ހަމަޖެހިފައިވާކަމަށެވެ. އަދި މިޚިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު މިހަފްތާގެ ތެރޭގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެކަމަށް ބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިސާމާނު ލިބުމާއެކު އަންނަ މަހުގެ ތެރޭގައި ޚިދުމަތް ފެށޭވަރުވާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

ސަރުކާރުން މިޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ އަނެއް ހޮސްޕިޓަލަކީ ނައިފަރުގައި ހުންނަ ޅ.އަތޮޅު ރީޖަނަލް ހޮސްޕިޓަލެވެ. މިހޮސްޕިޓަލުގައި ޚިދުމަތް ފެށުމަށްޓަކައި ޢުމްރަނީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ، މެޝިނަރީޒްތައް ޤާއިމުކޮށް މިހާރު ނިމިފައިވާކަމަށް އެހޮސްޕިޓަލުގެ މެނޭޖަރ ޖައުފަރު ޢަބްދުﷲ ވިދާޅުވެއެވެ. އެހެންނަމަވެސް މިވަގުތު ޚިދުމަތް ނުފެށި ލަސްވެފައިވަނީ ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ކަނޑައެޅިފައިވާ މިންގަނޑުގެ ތެރޭގައި ހިމެނޭ އޮޕަރޭޝަން ތިއޭޓަރުގައި މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ.

ޖައުފަރު ވިދާޅުވީ ތިއޭޓަރަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި މިކަމަށް ޙައްލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. މިއާއެކު ނޮވެމްބަރުމަހުގެ ފަހުކޮޅު އެހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފެށޭނެކަމަށްވެސް ޅ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިދެހޮސްޕިޓަލުގެ އިތުރުން ށ.ފުނަދޫ ހޮސްޕިޓަލުގައިވެސް މިޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެހޮސްޕިޓަލުގައި މިޚިދުމަތް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން ވަނީ 2 ފަރާތަކާއި މަސައްކަތް ޙަވާލުކޮށްފައެވެ. އެގޮތުން ޢިމާރާތުގެ މަސައްކަތް ވަކި ފަރާތަކާއި ޙަވާލުކޮށްފައިވާއިރު މެޝިނަރީޒް ހަރުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެހެން ފަރާތަކާއެވެ. އެހެންނަމަވެސް އެއްބަސްވެފައިވާ ގޮތަށް ޢިމާރާތުގެ މަސައްކަތް ކުރިއަކަށްނުދެއެވެ. އެހެންކަމުން ފުނަދޫ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފެށޭނެ ތާރީޚެއް އަދި ނޭނގެއެވެ.

މިއީ ސަރަޙައްދުތަކުގައި ޑައިލިސިސް ސެންޓަރުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އައިޖީއެމްއެޗްއާއި ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށިސިޓީ ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިޚިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން އަންނަނީ އެކި މަސައްކަތް ކުރަމުންނެވެ. އެގޮތުން ސިއްޙީ ފަރުވާ ދޭ ތަންތަނުގެ ވަޞީލަތްތައް ހަމަކުރުމާއި އަޕްގްރޭޑުކުރުމުގެ އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މީގެއިތުރުން އައު ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.