ދުނިޔޭގެ ވިޔަފާރި

އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އައު ގަވާއިދުތަކެއް ޗައިނާއިން ނެރެފި


އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އާ ގައިވާއިދުތަކެއް ޗައިނާގެ ކެބިނެޓުން މިދިޔަ އަންގާރަ ދުވަހު ނެރެފިއެވެ.

އިގްތިސާދީ ގޮތުން އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވެ ހީނަރުވެފައިވާ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއައެރުވުމުގެ ގޮތުން ނެރުނު ގަވާއިދުގެ ދަށުން އަމިއްލަ ވިޔަފާރިތަކަށް އެހީވުން ހިމެނެއެވެ.

އާ ގަވާއިދުތަކުގެ މަގުސަދުތަކުގެ ތެރޭގައި އަމިއްލަ ވިޔަފާރިތަކުގެ ޝަރުއީ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކޮށް ވަޒީފާތައް އިތުރުކުރުންކަމަށް ޗައިނާގެ ކެބިނެޓުން އެގައުމުގެ ވެބްސައިޓުގައި ޝާއިއުކުރި އިއުލާނުގައި ބުނެފައިވެއެވެ.

"އަމިއްލަ ވިޔަފާރިވެރިންނަކީ މާކެޓުގެ މުހިންމު ބައެއް، އިގްތިސާދު ކުރިއަރުވައި ވަޒީފާ އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް." އެ އިއުލާނުގައިވެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ޗައިނާއަށް ކޯވިޑުގެ ބަލިމަޑުކަމުން އަދިވެސް އަރައިނުގަނެވެއެވެ. އެތެރޭގެ ޑިމާންޑް ދަށްވުމާއި ވަޒީފާނެތް މީހުންގެ އަދަދު މަތިވުމުގެ އިތުރުން ދުނިޔެ ރިސެޝަންގެ ނުރައްކަލަށް ހުށަހެޅުމުންދާތީ ޗައިނާގެ އިގްތިސާދަށް ވަނީ އަސަރުކޮށްފައެވެ.

އަމިއްލަ ވިޔަފާރިތައް ކުރުއެރުވުމަށް މަސައްކަތްކުރުގެ އިތުރުން ފަގީރު ހިސާބުތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އެ ހިސާބުތަކުގެ އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓް އަވަސްކުރުމަށްވެސް ޗައިނާއިން ވަނީ ނިންމާފައެވެ. މިއާއިއެކު އެ ގައުމުގެ އިގްތިސާދު ހަމައަކަށް އަޅުވާނެކަމަށްވެސް ދަނޑުވެރިކަމާއިބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.