ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ރާއްޖެއާއި އީޔޫއިން އެއްބަސްވުމަކަށް


ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރަން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިގޮތަށް އެއްބަސްވެފައި ވަނީ ރާއްޖެއާއި އީޔޫގެ އިސްވެރިންނާ ދެމެދު މިއަދު ބޭއްވުނު ތިންވަނަ ރަސްމީ ބައްދަލުވުމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން، ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އެއްބަސްވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އާ މަޝްރޫޢެއް ހިންގުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށެވެ. މީގެ އިތުރަށް ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ޕާޓްނަރުންގެ ހައިސިއްޔަތުން ރާއްޖެއާއި އީޔޫއިން ވަނީ ބިޒްނަސް ރައުންޑްޓޭބަލް އިނީޝިއޭޓިވް ފަދަ މެކޭނިޒަމްތައް މެދުވެރިކޮށް އިގްތިސާދީ ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ވިދާޅުވެއެވެ.

މިނިސްޓްރީން ބުނިގޮތުގައި ޤަވާއިދާ ޚިލާފަށް، ކުރާ މަސްވެރިކަމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގައި އީޔޫއާއި ދިވެހިރާއްޖެ ދެމިއޮންނާނެކަމަށާއި، މިދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް އީޔޫއިން ބުނެފައިވެއެވެ. މިނިސްޓްރީން ބުނިގޮތުގައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން މެދުވެރިކޮށް މަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ އެތެރެކުރާ މަހުގެ އުފެއްދުންތަކަށް ޑިއުޓީ ފްރީ އެކްސެސް ދިނުމާމެދު ވިސްނުމަށް އީޔޫގައި ދިވެހި ސަރުކާރުން ތަކުރާރުކޮށް އެދިފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އީޔޫގެ މެމްބަރު ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް އެދިފައެވެ.

މީގެއިތުރަށް ޑިމޮކްރެޓިކް ވެރިކަމެއް ހަރުދަނާކުރުމަށާއި، ގާނޫނުގެ ވެރިކަން ހަރުދަނާކޮށް، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމުގެ އިތުރަށް އަދުލު އިންސާފުގެ ދާއިރާއަށް ގެންނަންޖެހޭ އިސްލާހުތައް ތަންފީޒު ކުރުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް މަރުހަބާ ކިޔާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި އީޔޫއިން ވަނީ ރާއްޖޭގެ މަސައްކަތްތަކަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިނިސްޓްރީން ބުނިގޮތުގައި މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް ކޮންމެހެން ބޭނުންވާ ބިންގަލެއްގެ ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބަލައި، މިކަމަށް ދޭ އަހަންމިއްޔަތުކަން ދެ ފަރާތުންވެސް ފާހަގަކޮށްފައިވެއެވެ. އަދި މަދަނީ ޖަމްޢިއްޔާތަކަށް ރާއްޖެއާއި އީޔޫއިން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީން ބުނީ އީޔޫއިން ރާއްޖެއަށް 2021-2027 ވަނަ އަހަރަށް ކުރިއަށްގެންދާ މަލްޓި އެނުއަލް އިންޑިކޭޓިވް ޕްރޮގްރާމް (އެމްއައިޕީ)އަށް ރާއްޖެއިން މަރުހަބާ ކިޔާފައިވާ ކަމަށެވެ. އަދި އެމްއައިޕީގެ ދަށުން 2021-2024 ވަނަ އަހަރަށް 12 މިލިއަން ޔޫރޯ (178.6 މިލިއަން ރުފިޔާ) ކަނޑައަޅާފައިވާއިރު، ގްރީން ޓްރާންސިޝަން، ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން، ބަޔޯޑައިވާސިޓީ ޕްރޮޓެކްޝަން އެންޑް ސާކިއުލާ އިކޮނޮމީ، އަދި ގުޑް ގަވަރނަންސް، ރޫލް އޮފް ލޯ އެންޑް ސެކިއުރިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމަށް ރާއްޖެއާއި އީޔޫއިން ވަނީ އެއްބަސްވެފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

އެމްއައިޕީ މެދުވެރިކޮށް 2019-2023 ހަދާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އަދި ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ މުހިންމު ދާއިރާތަކުން އީޔޫގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ. ހާއްސަކޮށް ޝަރުއީ ދާއިރާ އިސްލާހުކުރުމަށާއި ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް އީޔޫއިން އަލަށް އެޅި ފިޔަވަޅުތަކަށް ރާއްޖެއިން މަރުހަބާ ކިޔާފައިވެއެވެ.

މިނިސްޓްރީން ބުނީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ކޮށްދެއްވާފައިވާ ހެޔޮ މަސައްކަތްތަކަށް އީޔޫއިން ތައުރީފުކޮށް، އެމަނިކުފާނުގެ ދައުރު ކާމިޔާބުކަމާއެކު ނިންމާލި ކަމަށްޓަކައި މަރުހަބާ ކިޔާފައިވާ ކަމަށެވެ. އަދި އީޔޫއިން ވަނީ 2023-2025 ވަނަ އަހަރަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ހޮވިވަޑައިގަތުމުން މަރުހަބާ ދަންނަވައި، މަލްޓިލޭޓަރަލް ފްރޭމްވޯކްގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމުގައި ހަރުދަނާ އެއްބާރުލުމެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައިކަމަށްވެސް މިނިސްޓްރީން ބުނެއެވެ.