ޚަބަރު

މެންކްގެ މިފަހަރުގެ ދަރުސްތައް ޚާއްސަވާނީ އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް


ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ޚާއްސަ އެދިލެއްވުމަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، މުފްތީ މެންކް އަންނަ ބުރާސްފަތިދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.

މިއީ 2020ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކްގެ މި ދަތުރުގައި މައިގަނޑު 6 ހަރަކާތެއް ކުރިއަށްދާނެއެވެ.

ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި މެންކްގެ މި ދަތުރުފުޅުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވީ، މާލެ، ހުޅުމާލެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މުފްތީ މެންކްގެ ދަރުސްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ހުކުރު ދުވަހުގެ އިމާމުވެވަޑައިގެން ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ މުފްތީ މެންކް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެންވެސް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސްވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ ދަރުސްތައް:

28 އޮކްޓޯބަރު - ކާނިވާ ސަރަޙައްދުގައި
29 އޮކްޓޯބަރު - ފުވައްމުލައް ސިޓީގައި
30 އޮކްޓޯބަރު - އައްޑޫ ސިޓީގައި
31 އޮކްޓޯބަރު - ހުޅުމާލޭގައި

ދަރުސްތައް އޮންނާނީ މި ތާރީޚުތަކުގައި ރޭގަނޑު 20:45ގައެވެ.

މުފްތީ މެންކަކީ ދުނިޔޭގެ ޤައުމުތަކުގައި އަދި ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލް ޝަހުޞިއްޔަތެކެވެ. މެންކްގެ ދަރުސްތަކުގެ ތަފާތަކީ، ދިރިއުޅުމުން މިސާލު ނަންގަވާ އާއްމުންނާ ގުޅޭގޮތަށް ގެނެސްދޭ ދަރުސްތަކެކެވެ.

މެންކްގެ މި ދަރުސްތައް މިފަހަރު ޚާއްސަކޮށްފައިވަނީ، އާއްމު ދިރިއުޅުމުގައި ކުރިމަތިވާ މުހިންމު އިޖްތިމާއީ މައްސަލަތަކަށް ދީނީ ނަޒަރިއްޔާތަކުން ޙައްލު ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

"މަޢުޟޫތައް މިހިރީ މުޖުތަމަޢަށް އެންމެ ބޭނުންތެރި، އިޖްތިމާއީ މުހިންމު ކަންކަމަށް ބަލައިގެން. މާތް ﷲއާ އިންސާނާއާއި ދެމެދު އޮންނަ ގުޅުން، މުޖުތަމަޢުގައި އެއްބަޔަކު އަނެއް ބަޔަކަށް ދިމާވާ މައްސަލަތަކުގައި ހައްލު ހޯދުން، އާއިލީ މައްސަލަތައް ފަދަ މަޢުޟޫތައް. އަދި އަޅުގަނޑުމެން ދިރިއުޅޭ ހަލަބޮލި މާޙައުލުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތްތަކަށް." މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން، ދަރުސްތައް ހަމަޖައްސާފައިވަނީ ވީހާވެސް ގިނަ މީހުންނަށް ބައިވެރިވެވޭގޮތަށެވެ. މި ދަރުސްތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިސްލާމިކް މިނިސްޓަރވަނީ އެދިވަޑައިގެންފައެވެ.

"ހުރިހާ ބޭފުޅުންނަށް ދަރުސް ބާއްވާ ތަންތަނަށް ގޮސް ބައިވެރި ނުވެވިދާނެ، އެހެން ނަމަވެސް ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބެލޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ." މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ ދަރުސްތަކުގެ ނަތީޖާ ރަނގަޅުކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމަޢުގައި ހުރި މުހިންމު ސުވާލުތަކަކަށް ޖަވާބު ލިބި، ދިރިއުޅުން އާރާސްތުކުރަން މަގުފަހިވެންދާކަމަށް މިނިސްޓަރ އަޙުމަދު ޒާހިރު ވިދާޅުވިއެވެ.

މެންކްގެ ދަރުސްތައް އިޝްތިހާރުކުރުމަށް، މާލޭގެ އެކި ސަރަޙައްދުތަކުގައި ބިލް ބޯޑްތައް ހަރުކުރުމާއި، ސޯޝަލް މީޑިއާއާއި ޓީވީ ރޭޑިއޯ މެދުވެރިކޮށް މިނިސްޓްރީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.