ވިޔަފާރި

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކުރަން އެދިއްޖެ


ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީން މިގޮތަށް އެދިފައިވަނީ ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަން ނުވަތަ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދުވަސްވަރަށްވާތީއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ހައި ސީޒަނަށްވާތީ ފަތުރުވެރިންނަށް ޚިދުމަތްދޭ އެންމެހައި ތަންތަނުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެދޭކަމަށެވެ. އެގޮތުން ވަކި ޚާއްސަ ފިޔަވަޅުތަކަކަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންގާފައެވެ.

އޭގެތެރޭގައި ހިމެނެނީ ކުއްލި ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ އިމަރޖެންސީ ޕްލޭން ޤަވާއިދުން މުރާޖާކޮށް ތަންފީޒުކުރުމާއި، ފަތުރުވެރިން ޗެކިންވާއިރު ސަލާމަތާއި ގުޅޭ ޖެނެރަލް ބްރީފިން އަދި މޫދު ހަރަކާތެއް ފެށުމުގެ ކުރިން އެ ހަރަކާތަކާއި ގުޅޭ ތަފްސީލީ ސަލާމަތީ ބްރީފިން ދިނުމެވެ. މީގެއިތުރުން މޫދު ކުޅިވަރުގެ ޚިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގަވާއިދުން ޓްރެއިނިންގ އާއި އެވެއަރނެސް ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަށްއޮތް އަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ އެންމެހައި ފަތުރުވެރިންނަށް އަދި ސިނާއަތުގައި މަސައްކަތް ކުރާ އެންމެހައި ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތް އަމާން ރައްކާތެރި ސިނާއަތަކަށް ހެދުންކަމަށެވެ.