ޚަބަރު

ބޯޑަރ ސެކިއުރިޓީ ވަރުގަދަކުރަން ޚާއްޞަ މަހާސިންތާއެއް


ރާއްޖޭގެ ބޯޑަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ކަމާ ބެހޭ އިދާރާތަކުން ބާއްވާ މަހާސިންތާ ފަށައިފިއެވެ.

ބޯޑަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ބާއްވާ މި ހާއްސަ މަހާސިންތާއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ މަހާސިންތާއެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ އިމިގްރޭޝަނާއި، ކަސްޓަމްސް، އެމްއެންޑީއެފް އަދި ފުލުހުންނާއި އޭވިއޭޝަން ކޮމާންޑް ސެކިއުރިޓީން ގުޅިގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މީގެ އިތުރަށް އދ. ގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫއެންއޯޑީސީ) އާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)ގެ އޮފިޝަލުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ މި މަހާސިންތާގެ މައިގަނޑު މަގްސަދަކީ ބޯޑަރ ސެކިއުރިޓީގެ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ، ކަމާ ބެހޭ އިދާރާތަކުން އެއް މޭޒަކަށް އައިސް މިކަމުގެ ބައްދަލުވުންތައް ބޭއްވުން ކަމަށެވެ. ހަނަފީ ވިދާޅުވީ ރާއްޖޭގައި ބޯޑަރ ސެކިއުރިޓީ ގާއިމްކޮށްފައި ވަނީ ހަތަރު ވަރަކަށް އެޖެންސީ ބައިވެރިވެގެން، ކޮންމެ އެޖެންސީއަކަށް އަކަށައެޅިފައިވާ ކޮމްޕޮނެންޓް ހަމަކޮށްގެން ކަމަށެވެ. އެހެންކަމުން މި މަހާސިންތާގައި ކުރަނީ އެ ހުރިހާ އިދާރާއަކުން އެއް މޭޒަކަށް އައިސް މިކަންކަމުގައި މަޝްވަރާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

" މައިގަނޑު މަގްސަދަކީ ހުރިހާ ހުރަސްތަކާ ގޮންޖެހުންތައް ދެނެގަނެ. އެކަންކަން ހައްލުކުރަން އެކްޝަން ޕްލޭނެއް އެކުލަވާލައި. ޕޮލިސީއަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަމެއް ވެސް ކުރުން." ހަނަފީ ވިދާޅުވިއެވެ.

މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަސަން ޒަމީލް ވިދާޅުވީ އެ ދާއިރާއިން ކުރާ މަސައްކަތްތައް ރަނގަޅުކޮށް، އަމަލީގޮތުން އިވެލުއޭޓްކޮށް، ޤައުމީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ބޭނުންވާ ބަދަލުތައް ގެންނާނެ ޖާގަ އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި މި މަހާސިންތާ އަކީވެސް އެ މަގްސަދުގައި ކުރިއަށްގެންދާ މަހާސިންތާއެއްކަން ފާހަގަކުރައްވާ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ މިހާރު ވެސް ބޯޑަރ ސެކިއުރިޓީ ސްޓްރެޓަޖީގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކޮށް ނިމިފައިވާކަމަށެވެ. އަދި މަހާސިންތާގައި ކުރިއަށްދާ މަޝްވަރާތަކަށް ފަހު އެ ޑްރާފްޓް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މި ސްޓްރެޓެޖީއަކީ، އަޅުގަނޑުމެންގެ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކުރިއަރާނެ ސްޓްރެޓެޖީއެއް. އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމާއި، ޢާންމު ޞިއްޙަތާއި ރައްކާތެރިކަން އިތުރުކޮށް، ބައިނަލްއަޤްވާމީ ޤަވާއިދުތަކަށް ޢަމަލުކުރުން އިތުރުކުރުމުގެ އިތުރަށް ބޯޑަރ މެނޭޖްމަންޓްގެ ހިންގުން ހަރުދަނާކޮށް އިންސާނީ ވސީލަތްތައް ވެސް އިތުރުވާނެ ސްޓްޓަޖީއަކަށް ވެގެންދާނެ." ޒަމީލް ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ކޯވިޑް-19ގެ ވަބާ އަށް ފަހު، ގައުމުތަކުގެ ބޯޑަރުގައި ހިންގާ ކުށްތަކުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ފެށިގެން ކުދި ޖަޒީރާ ރަށްތަކަށްވެސް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން އެފަދަ ޖިނާޢީ ނެޓްވޯކްތައް ހުއްޓުވައި، ޙައްލު ހޯދުމުގެ ގޮތުން ގައުމުތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން އަންނަ ކަމަށް އިމިފްރޭޝަނުން ވިދާޅުވެއެވެ.