ޚަބަރު

ބާރު އަޑާއި ދުމުގެ އުނދަގުލުގައި 27 އަހަރު އުޅުނު އާއިލާއަށް ދިއްދޫ ކައުންސިލުން ދިނީ ރޯހައުސްއެއް


ހއ.ދިއްދޫގައި މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއަކީ މީގެ 27 އަހަރު ކުރިން، އެރަށަށް ކަރަންޓު ދިނުމަށް ޤާއިމްކޮށްފައިވާ އިންޖީނުގެއެވެ. ރަށުގެ އެންމެ ހުޅަނގު ކޮޅުގައި ހަދާފައިވަ މި އިންޖިނުގެ ހުންނަނީ، ރަށުގެ މީހުން ދިރިއުޅޭ ހިސާބާ އިންވެގެންނެވެ. ރަށުގެ ރަށްދެބައި މަގުގައެވެ.

އިންޖީނުގެއާ އެއްފަރާތުގެ އިންފާރާ ގުޅެނީ ރަށުގެ ތޮރާމާގެއާއެވެ. އެކަމުގެ ސަބަބުން އެގޭގައި ދިރިއުޅޭ މީހުން އެތައް ތަކުލީފުތަކެއް އުފުކާލާ އެތައް ދުވަސްތަކެއް ފާއިތުވެއްޖެއެވެ. އިންޖީނުގޭގެ ބާރު އަޑުފަށްގަނޑާއި، އިންޖީނުގެއިން އަރާ ދުންތަކުގެ އުނދަގޫ ނުވާ އެންމެ ދުވަހެއްވެސް ފާއިތުނުވެއެވެ. އެގޭގެ މީހުން އިންތިޒާރުކުރަމުން އައީ އެ ތަކުލީފުތަކަށް ނިމުމެއް އަންނާނެ ދުވަހަކަށެވެ. އެގޮތުގައި ތިއްބައި ދިއްދޫ ކައުންސިލުން ވަނީ ރަށުގެ ހިއްކި ސަރަހައްދުގައި ޢިމާރާތްކޮށްފައިވާ ފެލްޓުތަކުން އެއް ފްލެޓް އެގޭގެ މީހުންނަށް ދީފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ކައުންސިލްގެ ފަރާތުން އެ އާއިލާއަށް ފްލެޓަށް ދޭން ނިންމީ، އިންޖީނުގޭގެ ސަބަބުން އާއިލާއަށް ކުރިމަތިވި ދަތިތަކުގެ ބަދަލެއްގެ ގޮތުންނެވެ.

މި އާއިލާއަށް ދީފައިވަނީ ދިއްދޫގައި ތަރައްޤީކުރި 250 ރޯހައުސްގެ ތެރެއިން، ރަށުގައި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ދިނުމަށް ކައުސިލަށް ނަގާފައިވާ 5 ހައުސިން ޔުނިޓުން އެންމެ ފަހު ރޯހައުސްއެވެ.

ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވި، އިންޖީނުގޭގެ ސަބަބުން ތޮރާމާގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ. އެގޮތުން ގޭގެ އިމާރާތުގެ ފާރުތައް ކެނޑި، ފާރުތަކުގައި ވަރަށް ބޮޑަށް ރެނދު ލާފައިވާކަމަށެވެ.

ތޮރާމާގެއަކީ އިންޖީނުގެއާ އެއް އިންފާރެއް ޙިއްސަކުރާ ގެއަށްވުމާއެކު، އިންޖީނުގޭގެ ދުމުގެ އަސަރުވެސް އެގެއަށް ވަރަށް ބޮޑަށް ކުރެއެވެ. އެގޮތުން ގެނދަބުޅީގެ އުނދަގުލުގެ ސަބަބުން ގޭގެ އިމާރާތާއި ހިފާގެންގުޅޭ ސާމަނަށްވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

އިންޖީނުގޭގެ އަޑަކީވެސް އެކަމުގެ އެތަށް ތަކުލީފެއް، ތޮރަމާގޭގެ އާއިލާއިން އުފުލަމުން ދިޔަ ކަމެކެވެ.

މިކަމަށް ޙައްލު ހޯދައިދީ އެ އާއިލާއަށް ކައުންސިލުން ހަމަޖައްސައިދިން ހައުސިން ޔުނިޓަކީ، އެރަށުގެ ހިއްކި ބިމުގައި، އިންޖީނުގެއާ ދުރުގައި ހަދާފައިވާ ރޯހައުސްއެކެވެ. މިއީ 3 ކޮޓަރީގެ ގެއެކެވެ. މި ގޭގެ ތަޅުދަނޑި މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

މިއާއެކު އިންޖީނުގެއައި އިންވެގެން ހުރި ތޮރާމަގޭ ކައުންސިލަށް ނަގާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ދިއްދޫގައި ސަރުކާރުން އަންނަނީ އައު އިންޖީނުގެއެއް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ދިއްދޫ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އެ މަސައްކަތް އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ. އިންޖީނުގެ ބަދަލުކުރަނީ ރަށުން ހިއްކާފައިވާ ސަރަޙައްދަށެވެ.

މި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.