މަސްވެރިންގެ ފިއުލް ސަބްސިޑީއަށް ފާއިތުވީ 3 އަހަރު ދައުލަތުގެ ބަޖެޓުން 2.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ސްވެރިންގެ ފިއުލް ސަބްސިޑީއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ މިންވަރު ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ދެއްވުމަށް އެދިވަޑައިގެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެންބަރު އިބްރާޙިމް ރަޝީދު ވަނީ ފާއިތުވީ 3 އަަހަރު ތެލުގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން ދޫކޮށްފައިވާ ފައިސާގެ އަދަދާއި، ސަބްސިޑީގެގޮތުގައި ކަޅުބިލަމަހާ ކަންނެލި މަސްވެރިކަމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހިމެނޭ، އެހެނިހެން މަސްވެރިކަން ކުރާ ފަރާތްތަކަށް ތެލުގެ ސަބްސިޑީ ދީފައިވާނަމަ، ތެލުގެ އަގަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ޚަރަދު ތަފްސީލްކޮށް އެނގޭނެގޮތަކާއި، ތެލުގެ ސަބްސިޑީ ދެނީ ކޮން ފާރާތެއް މެދުވެރިކޮށްގެންތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލުތަކަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ލިޔުމުން ދެއްވި ޖަވާބުގައި ވަނީ ފާއިތުވީ ތިން އަހަރު މަސްވެރިނަށް ފިއުލް ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައިވާ މިންވަރުގެ ތަފްސީލްތައް ހިއްސާކުރައްވާފައެވެ.
* 2019ވަނަ އަހަރު – 167280 ރުފިޔާ ( އެއްލައްކަ ފަސްދޮޅަސް ހަތްހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ)
* 2020ވަނަ އަހަރު - 1323686 ރުފިޔާ ( އެއްމިލިއަން ތިންލައްކަ ތޭވީސްހާސް ހަސަތޭކަ އަށްޑިހަ ހަ ރުފިޔާ)
* 2021ވަނަ އަހަރު – 1323480 ރުފިޔާ ( އެއްމިލިއަން ތިންލައްކަ ތޭވީސްހާސް ހަތަރަސްތޭކަ އަށްޑިހަ ރުފިޔާ)
ފިއުލް ސަބްސިޑީ މަސްވެރިންނަށް ދެމުންދަނީ ފިޝަރީޒް މިނިސްޓްރީ މެދުވެރިކޮށެވެ. އެގޮތުން މަސްވެރިން ތެޔޮ ގަތުމަށްފަހު މިނިސްޓްރީގައި އެދުމުން، ތެލަށް ކުރި ޚަރަދުގެތެރެއިން އިމްޕޯޓު ޑިއުޓީއަށް ޖެހޭ މިންވަރުގެ 5 އިންސައްތަ މަސްވެރިންނަށް އަނބުރާ ފޯރުކޮށްދެމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.