ޚަބަރު

އިމުގެ މައްސަލާގައި ބަންޑާރަ ނާއިބު އިސްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތު: މުޢިއްޒު


ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަަހއްދު ފުށުއަރާ މައްސަލާގައި، ސަރުކާރުން މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ދެކެވަޑައިގަންނަވާކަމަށް ޤާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯސް މޮރީޝަސްގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. މިކަމާއި ގުޅޭގޮތުން ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވަމުން ގެންދަވަނީ ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ފުށުއަރާ މައްސަލާގައި މޮރީޝަސްއާއި ދެކޮލަށް ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން އައިސްފައިވާ އެއްވެސް ސްޓޭންޑަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށެވެ. އަދި އދ.ގެ ޢާންމު މަޖިލީހުގައި ނަގާ ވޯޓުތަކާއި ގުޅިގެން ނިންމާފައިވާ ނިންމުންތަކާއި، ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ މުޅިން ދެ މައްސަލައެއްކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައަށް އިޝާރާތްކުރައްވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވީ ބަންޑާރަ ނާއިބުގެ އޮފީހުން މި މައްސަލާގައި މަސައްކަތްކޮށްފައިވަނީ ދައުލަތުގެ މަސްލަހަތުގައިކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެއްކަމަށެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އަހަރު އދ.ގެ އާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާ ބެހޭ އިސްތިޝާރީ ލަފައަކަށް އެދުނުކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވވެސް ވަނީ، އދ.ގެ އާންމު މަޖިލީހުގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އަދި ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ޤައުމުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއްކަމަށާއި، އެއީ ރާއްޖޭގެ ސީދާ ބައިވެރިވުން އޮތް މައްސަލައެއް ނޫންކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓުދިނުމުގެ ކުރިން "އެކްސްޕްލެނޭޝަން އޮފް ވޯޓް" ގެ ފުރުޞަތުގައި، އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތުކުރަމުން ގެންދާ މައްސަލައިގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް އަންގަފައިވާކަމަށެވެ.