ޚަބަރު

ޔަހޫދީންގެ އުދުވާންތަކުގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީ އިސްރާޢީލުގެ ސިފައިން އަރާ ހިންގި އުދުވާންތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރެއިން 32 އަހަރުގެ ރަބީ އަރަފާ ރަބީ ޝަހީދު ކޮށްލާފައި ވަނީ އޭނާގެ ބޮލަށް ބަޑި ޖަހައިގެންނެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީން އަޅުވެތި ކޮށްފައިވާ ހުޅަނގު އައްސޭރިއަށް އަރައި އިސްރާޢީލުގެ ސިފައިން ހިންގި ލާއިންސާނީ އުދުވާންތަކެއްގައެވެ.

އޭނާ ޝަހީދު ކޮށްލާފައި ވަނީ، ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޤަލްޤިލްޔާގައި އޭނާ ދުއްވަމުން ދިޔަ ކާރަށް ޔަހޫދީންގެ ސިފައިން ބަޑި ޖަހައި ދިން ހަމަލާތަކުގައެވެ. އިސްރާޢީލުން ބުނީ، ކާރަށް ހަމަލާ ދީފައި ވަނީ، ސިފައިންނަށް ފިލަން މަސައްކަތް ކުރުމުން ކަމުގައެވެ.

ޔަހޫދީ ސިފައިން ޝަހީދު ކޮށްލާފައިވާ ދެވަނަ މީހަކީ ސަމީރު އަލް-ކިލާނީއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީންގެ ސިފައިން ދިން ބޮމުގެ ހަމަލާއެއްގައެވެ. ބޮން ހަރުކޮށްފައި ވަނީ ސައިކަލެއްގައެވެ. ނަމަވެސް، ޔަހޫދީ ސިފައިން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

ސަމީރު ޝަހީދު ކޮށްލުމަށް ދިން ހަމަލާ ދީފައި ވަނީ ހުޅަނގު އައްސޭރީގެ ނާބްސުލްގައި ކަމަށް ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ "ލަޔަންސް ޑެން"އިން ވަނީ ސަމީރަކީ އެ ޖަމާޢަތުގެ މެންބަރެއް ކަމުގައި ބުނެފައެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހަ ޖަމާޢަތުން ވެސް ވަނީ ސަމީރު ޝަހީދު ކޮށްލަން ދިން ހަމަލާ ކުށްވެރި ކޮށްފައެވެ. ސަމީރާ އެކު، މި އޮކްޓޫބަރު މަހުގެ ތެރޭގައި ޔަހޫދީ ސިފައިން ދިން ތަފާތު އެކި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 19އަށް އަރާފައެވެ.

ޔަހޫދީންގެ ލާއިންސާނީ އުދުވާންތަކުގައި މި އަހަރުގެ ތެރޭގައި 115އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޢާންމުން ވެސް ހިމެނެއެވެ. ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް އަރައި، އެ ޤައުމުގެ ރައްޔިތުން އަޅުވެތި ކޮށްފައި ވަނީ 1967ވަނަ އަހަރުއެވެ. އަދި، ހުޅަނގު އައްސޭރީގައި 475,000އަށް ވުރެ ގިނަ ޔަހޫދީން މިހާރު ވަނީ ވަޒަންވެރި ކުރުވާފައެވެ.