ޚަބަރު

ހިއްކި ބިމުގައި ޗާލު ރީތި ޕިކްނިން އައިލެންޑެއް


ހަފްތާގެ ބުރަ 5 ދުވަހަށްފަހު، ކޮންމެ މީހަކުވެސް އިންތިޒާރުކުރާނީ ހަފްތާ ބަންދުގައި އާއިލާއާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އާއިލާއާއެކު ދަތުރުގޮސް، މޫދަށް އެރިލާ ރައްޓެހިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ނަމަވެސް މިކަމުގެ ހުރަހަކަށްވަނީ ތޮއްޖެހިފައިވާ ބައިބޯ މާލެއެވެ.

މާލޭގައި މީހުން މޫދަށް ދިއުމަށް ހަދާފައިވާ އަރޓިފިޝަލް ބީޗާއި ރަސްފަންނު އޮންނަނީ ފުރިފައެވެ. މި ތަންތަނަކީ އެހެނިހެން ބޭނުންތަކަށްވެސް ބޭނުންކުރާ ސަރަޙައްދުތަކެވެ. ދެން އޮތީ ހުޅުމާލެއާއި ވިލިމާލެއެވެ. ނަމަވެސް މި ރަށްތަކަށް ދަތުރުދާ މީހުންނަށްވެސް ކުރެވެނީ އެއް ތަޖުރިބާއެވެ. މީހުން ތޮއްޖެހި ބާރުވުމާއި، އަދި ދަތުރުދާ މީހުން ބޭނުންކޮށްލާނެ އެއްވެސް އާއްމު ޚިދުމަތެއް އެތަންތާންގައި ޤާއިމުވެފައި ނެތުމެވެ.

ސަރަޙައްދުގެ ރައްޔިތުން ދަތުރުދިއުމަށް ބޭނުންކުރި ކުޑަބަނޑޮސްވެސް، އޭރުގެ ސަރުކާރުން 2013ވަނަ އަހަރު ރިސޯޓް ހެދުމަށް ބަޔަކަށް ދޫކޮށްފައެވެ. އޭގެ ފަހުން މިހާތަނަށްވެސް މި ސަރަޙައްދުގެ ރައްޔިތުންނަށް އިތުރު އެއްވެސް ގޮތެއް ނެތެވެ. ދަތުރުދިއުމަށް ހުސްކޮށް އޮތް ފަޅު ރަށެއް ކައިރީގައިވެސް މިހާރު ނެތެވެ.

މިހެން ކަން އޮއްވާ، މާލެ ކައިރިން ދަތުރުދާން ރަށެއް ހަދައިދޭނެ ކަމަށް ސަރުކާރުން ހާމަކުރުމާއެކު ރައްޔިތުންނަށް ސިފަވީ ދަތުރުދާން ހުސް ބިމެން ހިއްކާފައި ދޫކޮށްލަން އުޅޭކަމަށެވެ.

ނަމަވެސް މިއަދު މަންޒަރު ފެނިގެން މިދަނީ އެގޮތަކަށް ނޫނެވެ. ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން މާލެ ކައިރި ކުޑަގިރި ފަޅު ހިއްކީ، އެތަނަކީ ދަތުރުދިއުމަށް ފުރިހަމަ، ޒަމާނީ ފެސިލިޓީއަކަށް ހަދައިދިނުމުގެ ވަޢުދާއެކުއެވެ. އެގޮތުން ކުޑަގިރި ފަޅުން
8 ހެކްޓަރުގެ ބިމެއް ހިއްކާ، 1.5 ހެކްޓަރުގެ ފިނޮޅެއްވެސްވަނީ ތަރައްޤީކޮށްފައެވެ.

ކުޑަގިރީގެ މަސައްކަތް ސުމަކުން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ދަތުރުދާން ރަށެއް ހަދައިދޭނަމޭ ބުނީމަ ސުވާލު އުފެދުނު މީހުންވެސް، މިހާރު ތިބީ ރަށް ނިމި އެ ރަށަށް މޫދަށް އެރިލަން ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ސަރުކާރު ހިއްސާވާ 5 ކުންފުންޏަކުން ގުޅިގެން ކުރިއަށްގެންދާ މިޕްރޮޖެކްޓްގެ މާސްޓަރ ޕްލޭން ތައްޔާރުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ގާތްގަނޑަކަށްވަނީ ނިމިފައެވެ. ނޮވެމްބަރު މަހު ޕިކްނިކް އައިލެންޑް ހުޅުވާލުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

ޕިކްނިކް އައިލެންޑް ހުޅުވުމަށް ވަމުން އަންނަ ފަހުގެ ތައްޔާރީތައް ބަލާލުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ.

ރަށަށް އަރައިގެން އަންނައިރު ސިފަކުރެވުނީ ކުޑަ ރިސޯޓަކަށް އަރައިގެން އަންނަ އިޙުސާސެވެ. ވާރެއާއި އަވިން ނިވާވުމަށް ދެ ގެގަނޑު ލާފައި ހަދާފައިވާ ފާލަން ހުރީ، އުޅަނދުތަކަށް ފަސޭހައިން ކައިރިކޮށް ރަށަށް މީހުންނަށް އަރާ ފޭބޭ ގޮތަށެވެ.

ރަށަށް އަރައިގެން ދާއިރު ޖެޓީ ކުރިމަތީގައި އިމާރާތްކޮށްފައި ހުރީ ރަށް ބަލަހައްޓާ އޮފީހާއި ރިސެޕްޝަން އިމާރާތެވެ. އެއާ އިންވެގެން ހުރީ ކެފޭއަކާ ފިހާރައެއް ހަދާ އިމާރާތެވެ. ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ހުރިހާ ފެސިލިޓީތައް ޤާއިމުކޮށް ވަނީ ނިމިފައެވެ.

ދަތުރުދާ އާއިލާތަކާއި ގްރޫޕްތަކުން ބޭނުންކުރުމަށް، ރަށުގެ ވަށައިގެން 15 ހަޓު ހަދާފައިވެއެވެ. މިއިން ކޮންމެ ހަޓެއްގައި ބެންޗުތަކާއި މޭޒާ، އުނދުން ބަހައްޓައިގެން ކައްކާ ކެވޭނެ ކައުންޓަރެއްވެސް ހިމެނެއެވެ. އަދި ސިންކެއްގެ އިތުރުން ކަރަންޓަށް ޖަހައިގެން ބޭނުންކުރާ ސާމާނު ބޭނުންކުރެވޭގޮތަށް ކަނެކްޝަންވެސް އަޅާފައިވެއެވެ.

ރަށުގެ ވަށައިގެން އެކި ހިސާބުތަކުގައި ފާޚާނާތައްވަނީ ހަދާފައެވެ. މޫދުން އަރައިގެން އަންނަ މީހުން ބޭނުންކުރަން އައުޓް ޑޯ ފެން މާގަނޑުތައްވެސް ހުރެއެވެ.

އެންމެ ޚާއްސަ އެއްކަމަކީ ރަށުގެ ކޮންމެ ޚިދުމަތެއް ޤާއިމުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ބޭނުންކުރެވޭގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑި ދުއްވޭ ގޮތަށް ވޯކްވޭ ހެދުމާއި، މޫދަށް އެރުމަށް ރޭމްޕްވެސް ހަދާފައިވެއެވެ. ފާޚާނަތައްވެސް ހަދާފައިވަނީ މިފަދަ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.

ރަށް ވަށައިގެން ބެލެހެއްޓުމަށް، ރަށުގެ އެކި ހިސާބުގައި ގަރޑް ޕޯސްޓްވެސް ހަދާފަައިވެއެވެ.

ދަތުރުދާ ރަށެއްގެ އެންމެ ހިތްގައިމުކަމަކީ ރަށުގެ ފެހިކަމާ، ރަށުގެ މޫދެވެ. ހިއްކައިގެން ހަދާފައިވާ ކުޑަގިރީގެ ގޮނޑުދޮށް ހަދާފައިވަނީ ރަށުގެ ހުރިހާ ހިސާބަކުންވެސް މޫދަށް އެރެވޭނެ ގޮތަށެވެ. އަދި ރަށުގެ މޫދުގެ ސާފުކަމާ ރީތިކަމާއެކު، ރާއްޖޭގެ އެންމެ ރީތި ގޮނޑުދޮށެއްގެ ހިތްގައިމުކަން ލިބެއެވެ. އަދި ރަށުގެ ވަށައިގެން ރީތި ފަރުގެ ސަރަޙައްދެއްވެސް އޮވެއެވެ.

ރަށް ފެހިކުރުމަށްވެސް ގިނަ މަސައްކަތަކެއް އަންނަނީ ކުރަމުންނެވެ.

ކުޑަގިރީގެ މުހިންމު ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. ރަށް ހުޅުވާލުމުގެ ކުރިން ރަށުގެ ޚިދުމަތް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް އެކުލަވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަންކަން ނިމުނު މިންވަރަކުން އިޢުލާންކުރަމުންދާނެއެވެ.

ދެން އޮތީ ޕްރޮޖެކްގެ ދެވަނަ ފިޔަވައްސެވެ. މި ބައިގައި ރަށުގައި އޯވަނައިޓް ނުވަތަ ރޭގަނޑު މަޑުކުރެވޭގޮތަށް ޑޭ ރޫމްތައް ހަދާނެއެވެ.

ޕިކްނިކް އައިލެންޑްގެ މި މަސައްކަތަކީ މި ސަރަޙައްދުގެ ރައްޔިތުންގެ ބޮޑު އުއްމީދެކެވެ.