ޚަބަރު

ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއާ އެސިސްޓެންޓް އުރީދޫން އިފްތިތާހްކޮށްފި


އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތަށް އަލުން އެވީ އިފްތިތާހްކޮށްފިއެވެ.

އެވީ ތައާރަފްކުރުމަށް މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

އެވީ މެދުވެރިކޮށް ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށްގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޚިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. "އެވީ" އަކީ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށްވެސް ޚިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވިފައިވާ ބަދަލެއްކަމަށް އުރީދޫން ބުނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މިސްރާބު ޖަހާފައިމިވާ ހުރިހާ ދާއިރާ ތަކަށް ބަލާލި ނަމަވެސް ޓެކްނޮލޮޖީ އަކާ ނުލާ ކުރި އެރޭކަށް ނެތް ކަމަށެވެ. އަދި ޓެކްނޮލޮޖީ ތަޢާރަފްވެގެން އައިނަމަވެސް މުޖްތަމަޢުގަ ބާކީވެގެން ހުންނާނެ އެންމެ ފަރުދަކުވެސް ހުރެގެން ނުވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ރައްޔިތަކު އެއްވެސް ޚިދުމަތަކުން މަހްރޫމްވެގެންވެސް ނުވާނެ ކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައިވަނީ އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތަށް އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް ތައާރަފްކޮށްފައެވެ. "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ.

ފޮންޓާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗާރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ބަހަކީ އަަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމުގެ އެއްމެ ބޮޑު ރަމްޒު ކަމަށްވުމުން އުރީދޫން މި ދައްކައި ދެނީ ޓެކްނޮލޮޖީގެ ކުރިއެރުން ގެންނަ އިރު ކޮންމެހެން އަމިއްލަ ވަންތަކަން ދޫކޮށްލާފަ ކުރިއަށް ދާކަށް ނުޖެހޭކަންކަމަށެވެ. އަދި މީ އެތައް ދުވަހެއް ވަންދެން ކުރި އުންމީދެއް ކަމަށާއި މިކަމުން އިޖްތިމާއީ ފައިދާގެ އިތުރުން އިޤްތިޞާދީ ގޮތުންވެސް ފައިދާ ތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުރީދޫގެ ފޮންޓުގެ ހަތަރު ސްޓައިލެއް ހިމެނެއެވެ. އެއީ ލައިޓް، ރެގިއުލާ، ބޯލްޑް އަދި އެކްސްޓްރާ ބޯލްޑްއެވެ.