ޚަބަރު

ލީކުވާ ހޮޅީގެ މައްސަލަ ހައްލުވެއްޖެ، މާދަމާ މަގު އެއްކޮށް ހުޅުވާލެވޭނެ: ސްޓެލްކޯ


މާލޭގެ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން ފަޅައިގެން ދިޔަ ހޮޅީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ މަގު ހުޅުވާލާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯ އިން މާލެއަށް ކަރަންޓު ދޭން ބޭނުން ކުރާ ޕްލާންޓެއްގެ އިންޖީނުތަކުގެ ކޫލިން ސިސްޓަމުގައި ބޭނުންކުރާ އައުޓްފްލޯ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލޮނު ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ ފަޅައިގެން ދިޔަ ހޮޅީގެ މައްސަލަ ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްލުކޮށްފައިވާކަމަށެވެ. އަދި އެ ހޮޅި ހެދުމަށް ކޮނެފައިވާ ވަޅު ބެއްދުމަށް މިރޭ ކޮންކްރީޓު އަޅާނެކަމަށާއި އެއާއެކު ވީހާ ވެސް އަވަހަކަށް އެ މަގު އެއްކޮށް ހުޅުވާލާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ މިމަސައްކަތް ދަންވަރު ކުރަނީ މާލެއަށް ޚިދުމަތްދޭ އެއްވެސް ޖަނަރޭޓަރެއް ދުވާލު، ޕީކު ގަޑީގައި ނިއްވާލެވެން ނެތުމުންކަމަށެވެ.

ކޫލިން ހޮޅިން ފެން ލީކުވާން ފެށީ 15 އަހަރަށްފަހުންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ފެންވަރު ރަނގަޅު އިލެކްޓްރިކަލް އިންޖިނިއަރުން ސްޓެލްކޯގައި ތިބި ނަމަވެސް، ފެންހޮޅި މަރާމާތުކުރުމުގައި އެ ކުންފުނީގެ ތަޖުރިބާ ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް އެމައްސަލަ ދިމާވި ހިސާބުން ފެށިގެން ސްޓެލްކޯގެ އަމާޒަކަށްވީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިޔަ ނުދީ ހައްލު ކުރުން ކަމަށެވެ.

"އެއްވެސް ހާލެއްގައި ސިޓީ ކައުންސިލަށް ބަދު ބަހެއް ބުނުމުގެ ބޭނުމެއް ނެތް. އަަދި ތިބޭފުޅުންނަށް ކަމެއް ނުކުރެވޭނެ ކަން ދެއްކުމުގެ ވިސްނުމެއް ވެސް ނެތް. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ފުރިހަމަކޮށް، އެ ޚިދުމަތް ދޭން" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވިއެވެ.

ފެން ހޮޅީގެ މައްސަލަ ހައްލު ނުކުރެވި ލަސްވީ މާލެ ސިޓީ ކައުންސިލުން އެ މަގު ބަންދުކުރުމަށް ދޭން ޖެހޭ ހުއްދަ ނުދިނުމުން ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.