ވިޔަފާރި

ޅ.އަތޮޅު ހުރަވަޅި ރިސޯޓް މިއަހަރުގެ ފަހު ކޮޅު ހުޅުވަނީ


މޫދު އަޑީގެ ރެސްޓޯރެންޓަކާއި އެކު ޅ.އަތޮޅު ހުރަވަޅީގައި ތަރައްޤީކުރާ ރިސޯޓް މިއަހަރުގެ ފަހު ކޮޅު ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ޗަންޕާލަރސް ހޯލްޑިންގ ޕްރައިވެޓް ލިމިޑެޓުން ހާމަކޮށްފިއެވެ.

ޗަންޕާލަރސް ހޯލްޑިންގ ޕްރައިވެޓް ލިމިޑެޓާއި ބޭރުގެ ކުންފުންޔަކާއި ގުޅިގެން ތަރައްޤީކުރާ މި ރިސޯޓްގެ މޫދު އަޑީގެ ރެސްޓޯރެންޓް ވެގެންދާނީ ރާއްޖޭގައި ހުޅުވާ އެއްމެ ބޮޑު މޫދު އަޑީގެ ރެސްޓޯރެންޓަށް، އެގޮތުން މި ރެސްޓޯރެންޓްގައި އެއް ފަހަރާ 24 މީހުންނަށް ކާން ތިބެވޭނެ އެ ކުންފުނިން ފާހަގަކުރެއެވެ.

ޅ. ހުރަވަޅީގައި ތަރައްޤީކުރާ މޫދު އަޑީގެން ރެސްޓޯރެންޓަކީ ރާއްޖޭގައި ހުޅުވާ މޫދު އަޑީގެ ދެވެނަ ރެސްޓޯރެންޓެވެ. މިހާރުވެސް ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މޫދު އަޑީގެ ރެސްޓޯރެންޓެއް ހުރެއެވެ.

މިއަހަރުގެ ސެޕްޓެމްބަރ ހިސާބް މި ރިސޯޓް ހުޅުވުމަށް މަސައްކަތް ކުރަމުން ދާއިރު މި ރިސޯޓަކީ 90 ކޮޓަރީގެ ރިސޯޓެއް ކަމަށް ޗަންޕާލަރސް ހޯލްޑިންގްސް އިން މަޢުލޫމާތުދެއެވެ.