ޚަބަރު

ވިޔަފާރިތަކުގެ ސައްޙަކަން ކަށަވަރުކުރެވޭނެ ފަސޭހަގޮތެއް


އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް މިނިސްޓްރީގެ "ބިޒްނަޒް ޕޯޓަލް" މެދުވެރިކޮށް އެ ވިޔަފާރިތަކުގެ "ޕްރޮފައިލް" އޮންލައިންކޮށް ބެލޭނެ ނިޒާމެއް އެމިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިޕޯޓަލް މެދުވެރިކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ކުންފުނިތަކާއި ޕާޓްނަޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ކުންފުނިތަކުގެ ޕްރޮފައިލް ވަގުތުން ޖެނަރޭޓްކޮށް އެހެން ފަރާތްތަކާއި ހިއްސާކުރެވޭނެ އަވަސް އަދި ފަސޭހަ ޙިދުމަތެއް ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ޕޯޓަލްއަށް ލޮގިން ވުމަށްފަހު، ވިޔަފާރި ރެޖިސްޓްރީ ކުރުމަށްފަހު ބޭންކް އެކައުންޓްފަދަ ޙިދުމަތްތައް ހޯއްދެވުމަށް ބޭނުންވާ ކޯޕަރޭޓް ޕްރޮފައިލް ޝީޓް މިޕޯޓަލްއިން ލިބޭނެކަމަށެވެ. އަދި "ޕްރޮފައިލް ޝީޓް"އަކީ ބޭންކް ހިދުމަތްތައް ހޯދުމަށް ވިޔަފާރިތަކުން ހުށަހަޅަން ޖެހޭ ލިޔުމެކެވެ. މިއާއިއެކު ކުރިން ދެތިން ދުވަހަށް ދެމިގެން ދިޔަ މިޙިދުމަތް ވަގުތުން ލިބިގެންދާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސޓްރީން ވިދާޅުވީ ޕޯޓަލްގައި ކޮމްޕެނީ ޕްރޮފައިލް ހެދުމުން 16 އަދަދުގެ ކޯޑެއް ލިބިގެންދާނެ ކަމަށެވެ. މިކޯޑް ބޭނުންކޮށްގެން ބޭންކުތަކާއި އެހެނިހެން ޙިދުމަތްތައް ދޭ ފަރާތަތަކަށް ވިޔަފާރިތަކުންދޭ "ޕްރޮފައިލް ޝީޓް"ތަކުގެ ސައްހަކަން ކަށަވަރުކުރެވެނޭކަމަސް އެމިނިސްޓްރީން ވިދާލުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވާ ގޮތުގައި ވިޔަފާރީގެ ސައްހަކަން ކަށަވަރުކުރުމަށް މި "ޕްރޮފައިލް"ގައި ހުންނަ މައުލޫމާތުތައް ބޭނުން ކުރެވޭނެއެވެ. ވިޔަފާރިތަކުގެ "ޕްރޮފައިލް"ގައި ހުންނަ މައުލޫމާތުތަކުގެ ތެރޭގައި ވިޔަފާރީގެ އާންމު މައުލޫމާތުތަކާއި ކުންފުނީގެ ޑިރެކްޓަރުންގެ މައުލޫމާތާއި ވިޔަފާރީގެ ހަރަކާތްތަކުގެ މައުލޫމާތުތައް ހިމެނެއެވެ.

ވިޔަފާރިއާއި ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބިޒްނަސް ޕޯޓަލްގެ ނަމުގައި ވެބްސައިޓެއް އިކޮނޮމިކް މިނިސްޓްރީން ތަޢާރަފްކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.