އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިގޮތުން މިމެޗްގެ ފެށުން ރަނގަޅުވީވެސް އާސެނަލްގެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ގްރަނިޓް ޜަކާއެވެ. މިމެޗްގައި ސައުތެމްޕްޓަން އިން އެއްވަރު ކުރި ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ސްޓުއަރޓް އާމްސްޓްރޯންގްއެވެ. މިމެޗްގައި އާސެނަލްއަށް ލީޑު ނަގާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވެއެވެ.
މިނަތީޖާއާއެކު އާސެނަލްއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވި ލީޑު ހަތަރު ޕޮއިންޓަށް ފުޅާކުރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ މިވަގުތަށް ގެއްލިގެން ގޮސްފައެވެ. ނަމަވެސް މިމެޗުން ލިބިފައިވި ޕޮއިންޓާއެކު އާސެނަލް އިން މިހާރު މިވަނީ މިހާތަނަށް ކުޅުނު 11 މެޗުން 28 ޕޮއިންޓް ހޯދާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ސައުތެމްޕްޓަން އުޅެނީ 12 ޕޮއިންޓާއެކު 15 ވަނައިގައެވެ.