ޚަބަރު

ކުށްކުރުން މަދުކުރެވޭނީ، ހުސްވަގުތު ރަނގަޅުގޮތުގައި ހޭދަކުރެވޭނެ ގޮތްކަކެއް ލިބިގެން - ދިރާސާ


ޒުވާނުން ކުށްކުރުމުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ، އެމީހުން ހުސްވަގުތު ހެޔޮގޮތުގައި ހޭދަކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯދުންކަމަށް، އެމްއެންޔޫއިން ޒުވާނުންނާ ގުޅޭގޮތުން ކުރި ދިރާސާއިން ދައްކައިފިއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި ޔޫތް މިނިސްޓްރީ ގުޅިގެންނެވެ. ދިރާސާއަށް މަޢުލުމާތު އެއްކުރުމުގެ ޓީމްގައި މަސައްކަތް ކޮށްފައިވަނީ ޔުނިވަރސިޓީގެ 9 މެންބަރުންނެވެ.

މި ދިރާސާގައި 4 ގޮތަކަށް މަޢުލޫމާތު އެއްކޮށްފައިވެއެވެ. އެގޮތުން ސުވާލު ކަރުދާހުގެ ޒަރިއްޔާއިން މަޢުލޫމާތު އެއްކުރުމާއި، ފޯކަސް ގްރޫޕުން މުޖުތަމަޢުގެ ތެރެއަށް ނިކުމެ ސުވާލުކުރުމާއި، މިނިސްޓްރީއަކާއި ކައުންސިލްތަކުން މަޢުލޫމާތު އެއްކުރުމާއި ބައިނަލްއަޤްވާމީ އެކިއެކި ދިރާސާތަކަށް ބާލާފައިވެއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި މި ދިރާސަގެ ހޯދުންތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، މި ދިރާސާގައި ޒުވާނުންނާ ގުޅުންހުރި ހުރިހާ ދާއިރާތަކަށް ބަލާފައިވާނެކަމަށެވެ.

"ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުން، ކުއްތަކަށް އަރައިގަންނަ ސަބަބުތައް، ކުއްކުރާ ޒުވާނުންނާމެދު މުޖުތަމަޢު ދެކޭ ގޮތް، ތަމްރީނާއި ތަޢުލީމާއި ވަޒީފާގެ ފުރުޞަރު އަދި ބިނާކުރުވަރުވުނިވި ޒުވާނުންނާ ޒުވާނުންގެ ދުޅަހެޔޮ ކަމުގެ މައްޗަށްވެސް ބެލިން." ޑރ. ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

މި ދިރާސާގައި މަޢުލޫމާތު ދީފައިވާ %55 މީހުންނަކީ އަންހެނުންނެވެ. އަދި %45 މީހުންނަކީ ފިރހެނުންނެވެ.

ޑރ. ޝެހެނާޒް ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ މުހިންމު ގިނަ މަސައްކަތަކެއް ފެށިގެން މިހާރު ކުރިއަށްދާކަން ދިރާސާގެ ބޮޑު އިންސައްތައެއް ދެކޭކަމަށެވެ. ޚާއްސަކޮށް އުނގެނުމާއި ވަޒީފާއާއި ކުޅިވަރު ދާއިރާއިން މުހިންމު މަސައްކަތަކެއް ކުރިއަށްދާކަމަށެވެ.

ނަމަވެސް އަދިވެސް މުހިންމު ގިނަ މަސައްކަތަކެއް ކުރަންޖެހޭކަން މި ދިރާސާއިން ހާމަވިކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އެގޮތުން ކުއްތަށް މަދުކުރުމާއި، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން ޖެހޭކަން ހާމަވިކަމަށެވެ. ދިރާސާގައި ބައިވެރިވި ޒުވާނުންގެ ބޮޑު އިންސައްތަކެއް ފާހަގަކުރިގޮތުގައި، އެމީހުންނަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ޙާލަތު ދަށެވެ.

މި ދިރާސާގެ އަލީގައި ޑރ. ޝެހެނާޒް ވިދާޅުވީ، މިކަމުގެ އެންމެ މުހިންމު ޙައްލެއްގެ ގޮތުގައި ބައިވެރިން ފާހަގަކޮށްފައިވަނީ، އެމީހުން ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވޭނެ ކަންކަން އިތުރުކުރުންކަމަށެވެ.

"ރަށްރަށުގައި އެރަށެއްގެ މުޖުތަމަޢުއާ ގުޅޭ ކުޅިވަރުތައް ކުޅޭވެނޭ ގޮތާއި، ހުނަރުތައް ދަސްކުރެވޭނެ ގޮތާއި، ކުދިން ސްކޫލް ސިސްޓަމްގެ ތެރޭގައި ގިނަ ދުވަހު ގެންގުޅެވޭނެ މަގު ފަހިވުންފަދަ ކަންކަން ފާހަގަކުރެވުނު." ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މި ކަންކަމަކީ ކުށުގެ ވެއްޓަށް ހުށައެޅޭ ޒުވާނުން މަދުކުރުމަށްވެސް މުހިންމު ބަދަލަކަށް ވާނެކަމަށް ދިރާސާގައިވެއެވެ. ދިރާސާގައިވަނީ ރާއްޖައި އެކިކަހަލަ ކުށްތަކުގައި ރިހެބިލިޓޭޝަން ފަރުވާ ދެވޭނެ ނިޒާމު ހަރުދަނާ ކުރުމަށްވެސް އިތުރަށް މަސައްކަތް ކުރުމަށް ލަފާ ދީފައެވެ.