ޚަބަރު

ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ، ރާއްޖެއަަށް އަސަރެއް ނުކުރާނެ


މެދުތެރޭ ބަންގާޅު ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

"ސި-ޓްރަންގ"ގެ ނަން ދެވިފައިވާ މި ތޫފާން އުތުރު އިރުއުތުރަށްޖެހި، ބާރުގަދަަމުންދިޔަނަމަވެސް މި ތޫފާނުގެ އަސަރު ރާއްޖެއަކަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ބަންގާޅު ކަނޑުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރުނިނަމަވެސް، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެ އިދާރާއިން މިއަދު ހެނދުނު ވަނީ މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ވައިޓް އެލާޓް ނެރެފައެވެ. މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އަށް މި އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހިސާބަށެވެ.

އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށާއި، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.