ޚަބަރު

ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ކުރަންހުރި މަސައްކަތް ގިނަ: މަހުލޫފު


ޒުވާނުންގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ފެށިފައިވާކަމަށާއި، ނަމަވެސް އަދިވެސް މި ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށް ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

ޤައުމީ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަހުލޫފު ވިދާޅުވީ މިނިސްޓްރީއަކީ ޒުވާނުންނާއި ގުޅުވައިދޭ ފާލަމެއް ކަމަށާއި، ޒުވާނުންގެ ތަރައްޤީއާއި ގުޅުންހުރި މަސައްކަތްތަކުގެ ބޮޑު ބައެއް ޙިއްސާކުރަނީ ސަރުކާރުގެ އެކިއެކި ވުޒާރާތައްކަމަށެވެ.

ޤައުމުގެ ތަރައްޤީއަށް މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތުގެ ބޮޑު ބައެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރުމަކީ، މިނިސްޓްރީން ޒުވާނުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުން ފަހިކޮށްދެމުންދާ ތަޢުލީމީ ފުރުޞަތުތަކާއި، ވަޒީފާއާއި އަދި ތަރައްޤީގެ ގޮތުން ކުރިއަށްގެންދާ މަސައްކަތަކީވެސް އެކަންކަމުގެ ޒުވާނުންގެ ޙިއްސާ ބޮޑު އިންސައްތައަކަށް އޮންނަ މަސައްކަތްތައްކަންވެސް މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށް ފަހިކޮށްދިން ބައެއް ފުރުޞަތުތައް:

* 20000 އަށް ވުރެ ގިނަ ޒުވާނުންނަށް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ހިންގުން
* 15000 އަށްވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު
* ކުޅިވަރުގެ އެންމެ ޒަމާނީ ވަސީލަތްތައް ތަރައްޤީކުރުން
* 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯން
* 1103 މުދައްރިސުންނަށް ބޭރު ޤައުމުތަކުން ތަޢުލީމް ހާސިލްކުރުމުގެ ފުރުޞަތު
* 25178 މުވައްޒަފުންނަށް ތަޢުލީމީ ދާއިރާގެ ތަމްރީން ޕްރޮގްރާތައް ހިންގުން

މިނިސްޓަރ މަހްލޫފް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމާއި ޒުވާނުންގެ ތަރައްޤީ ހިންގާ 500އަށްވުރެ ގިނަ ޕްރޮޖެކްޓަކީވެސް، ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ދޭ އަޙަމިއްޔަތު ފެންނަ ކަމެއްކަމަށެވެ.

"ޒުވާނުންނަށް ކިޔެވުމުގެ މަގު ފަހިކުރުމަށް ސްޓޫޑެންޓް ލޯނަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ. އަދި 1.7 ބިލިއަން ރުފިޔާ، 1119 އެސްއެމްއީ ލޯނަށް ދީފައިވާއިރު، މީގެތެރެއިން 400 ލޯނަކީ ސީދާ ޒުވާނުންނަށް ދީފައިވާ ލޯންތައް." މަޙުލޫފު ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ފަށާފައިވާ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި 800އަށްވުރެ ގިނަ ޒުވާނުންނަށް މިހާތަނަށް ފުރުޞަތު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީއާއި އެމްއެންޔޫ ގުޅިގެންވަނީ ޒުވާނުންނާ ގުޅޭ ދިރާސާއެއްވެސް ހަދާފައެވެ. މި ދިރާސާގައިވަނީ ޒުވާނުންގެ ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް އަދިވެސް ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ހުރިކަންވަނީ ހާމަވެފައެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ މި ދިރާސާގެ އަލީގައި ކުރިއަށް އޮތްތާންގައި، މުހިންމު ބަދަލުތަކެއް ގެންނަވާނެކަމަށެވެ.