ޚަބަރު

މިއަހަރުގެ ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް ދީފި


މިއަހަރުގެ އަހަރުގެ ޒުވާނުންގެ އެވޯޑް 10 ފަރާތަކަށް ދީފިއެވެ. މި އެވޯޑަކީ ޤައުމުގެ ކުރިއެރުމާ، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޒުވާނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ޤައުމީ ފެންވަރުގައި ޒުވާނުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތަކަށް، އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތު ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިއަހަރުގެ ޒުވާނުންގެ އެވޯޑު 9 ދާއިރާއަކުން ޙާސިލްކުރި ޒުވާނުންނަށާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ދެއްވާ ޚާއްސަ އިނާމު ލިބުނު ފަރާތަށް ވަނީ އެވޯޑްދީފައެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތައް:

* ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން މުޙައްމަދު ޖައިލަމް، ޝާދީވިލާ/ ގދ.ފިޔޯރީ
* އަރޓް-ފަންނުވެރި ކަމުގެ ދާއިރާއިން، ޢަބްދުﷲ ޝަފީޢު، ހިސާން/ ހދ.ވައިކަރަދޫ
* ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ނީޝާ ޚަލީމް، މއ.ކޮކޯމާ/ ކ.މާލެ
* ދަރުމަވެރިކަމުގެ ދާއިރާއިން ފިރާޝާ މުޙައްމަދު، ރިލީފް/ ހދ.ހަނިމާދޫ
* ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުމުގެ ދާއިރާއިން އިބްރާޙިމް ޝަރީފް ޙަސަން، އުރަހަ/ ޅ.ހިންނަވަރު
* ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން، ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ/ ނ.ޅޮހި
* ދިވެހިބަހާއި ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ޢަލީ އާމިރު، ލަކީސްޓަރ/ ދ.ބަނޑިދޫ
* މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން، އާފިރު މުޙައްމަދު، އައްސޭރިވިލާ/ ގދ.ރަތަފަންދޫ
* ދަނޑުވެރިކަމުގެ ދާއިރާއިން، ޢަލީ ރަޝީދު، އައްސޭރިވިލާ/ ގދ.ރަތަފަންދޫ

ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ދެއްވާ ޚާއްސަ އިނާމު ޙާސިލްކޮށްފައިވަނީ އަޙްމަދު އަޙްނަފް ފިރާޤް، އަސަރީގެ/ އއ.ރަސްދޫއެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި، ޒުވާނުންގެ އެވޯޑް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ އެކި ދާއިރާތަކުން ޒުވާނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. އަދި ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމާއި، ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރުދަނާ ބަޔަކަށް ހެދުމާއި، އަދި ތަފާތު ދާއިރާތަކުން ޒުވާނުންނަށް ކުރިއަރައިގެން ދެވޭނެ ފުރުޞަތުތަކާމެދު ޒުވާނުން ހޭލުންތެރިކުރުމަކީވެސް ސަރުކާރުން މިއެވޯޑް ދިނުމުގެ މަޤްސަދެކެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 9 ދާއިރާއަކުންނެވެ.

އެވޯޑް ލިބުނު ފަރާތްތައް ހޮވާފައިވަނީ އެކަމަށް ޚާއްސަ ކޮމިޓީއަކުންނެވެ. އެވޯޑް ދިނުމުގައި ޒުވާނެއްގެ ޙައިސިއްޔަތުން ކުރަމުން އަންނަ މަސައްކަތްތަކާއި، މުއްދަތާއި، އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރާ މަންފާއާއި މަސައްކަތުން ނަތީޖާ ޙާސިލްވާ މިންވަރަށް ވަނީ ބަލާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.