ޚަބަރު

މިއަހަރުގެ ޒުވާނުންގެ އެވޯޑް ދިނުން މިރޭ


ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ޒުވާނުންގެ އެވޯޑް ދިނުން މިރޭ އޮންނާނެއެވެ.

ޒުވާނުންގެ އެވޯޑް ދިނުމަމަށް ހަމަޖެހިފައިވަނީ މިރޭ ބާއްވާ ޤައުމީ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހުޅުވާލީ މިދިޔަ އޮގަސްޓްމަހުގައެވެ. 18 ދާއިރާއަކުން އެވޯޑަށް ކުރިމަތިލާން ހުޅުވާލިނަމަވެސް، މިއަހަރު މި އެވޯޑް ދެވިގެންދާނީ ތަފާތު 10 ދާއިރާއަކުންކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.

ޒުވާނުންގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އެ ދުވަހަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހިރައްޔިތަކަށް އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިޚާބުތަކުގައި، އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤާއި، އެ މީހަކު އަމިއްލަޔަށް ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީޚީ ދުވަސް ކަމަށް ވާތީއާއެވެ. އަދި ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސްކަމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފަޔާ ގުޅިގެންނެވެ.

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން ގެންދިޔަ ތާރީޚު، އެކިފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ 1 މާރޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރަމުން ގޮސްފައިވަނީ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.