މުނިފޫހިފިލުވުން

ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން އިޢުލާންކޮށްފި




"މޯލްޑިވިއަން އައިޑަލް"ގެ ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން މިރޭ އިޢުލާންކޮށްފިއެވެ. ގާލާ ރައުންޑަށް ދަތުރުކޮށްފައި ވަނީ މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވގައި ވާދަކުރި 8 ބައިވެރިންގެ ތެރެއިން ޖަޖުންގެ %50 ވޯޓާއި، ބެލުންތެރިންގެ %50 ވޯޓާއެކު އެންމެ ގިނަ ވޯޓު ލިބުނު 6 ބައިވެރިންނެވެ. ބެލުންތެރިންނާއި ޖަޖުންގެ އެންމެ ގިނަ ވޯޓު ލިބިގެން މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިންނަކީ މުޙައްމަދު އިފްހާމް އަޝްފާޤް، މުޙައްމަދު މުޢައްޒިން ނަޢީމް، އަހުމަދު ނަޒީޙް، ލައިޝާ ޖުނައިދު، ޢިބްރާހިމް އަމަން އަދި ޢަބްދުﷲ ފާލިޙް އާދަމެވެ.ޕިއަނޯ ރައުންޑްގެ ފުރަތަމަ ޝޯވގައި ލަވަ ހުށަހަޅައިދިން 8 ބައިވެރިންގެ ތެރެއިން ޖަޖުންނާއި ބެލުންތެރިންގެ ފަރާތުން އެންމެ މަދުން ވޯޓުލިބިގެން، ޝޯވއިން ކަޓާފައިވާ ދެ ބައިވެރިންނަކީ ހައްވާ ރިޙާނީ އާމިރު އަދި ޝިފާ އިބްރާހިމެވެ. މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންގޮސްފައިވާއިރު، މިރޭގެ ހުށަހެޅުންތަކަށް ޖަޖުން އަދި ބެލުންތެރިން ވޯޓު ދީފައެއްނުވެއެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޕިއާނޯ ރައުންޑުގައި ޖުމްލަ 16 ބައިވެރިންވާދަކުރެއެވެ. މި 16 ބައިވެރިން ކަނޑައަޅާފައި ވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ބޭއްވި އޯޕަން އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ހާސިލުކުރި ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑުންނެވެ. މޯލްޑިވިއަން އައިޑަލްގެ ކުރީގެ ޝޯވތަކުގައި ބައިވެރިން ކަނޑައަޅާފައިވަނީ މި ޝޯވގެ 3 ޖަޖުންނެވެ. ޕިއާނޯ ރައުންޑާއެކު، މޯލްޑިވިއަން އައިޑަލްގެ ކުރިއަށް ހުރި ބުރުތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ބެލުންތެރިންނަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕިއާނޯ ރައުންޑުގައި ވާދަކުރާ ގަދަ 16 ބައިވެރިންގެ ތެރެއިން ފުރަތަމަ 8 ބައިވެރިންގެ ހުށައެޅުމާއިއެކު ޕިއާނޯ ރައުންޑްގެ ފުރަތަމަ ޝޯވ ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އަނެއް 8 ބައިވެރިން ލަވަ ހުށައަޅާދިނުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ބާއްވާ ޝޯވގައެވެ. ޕިއާނޯ ރައުންޑުގައި ވާދަކުރާ 16 ބައިވެރިންގެ މެދުގައިވެސް ވަނީ ބޮޑު ވާދަވެރިކަމެއް އުފެދިފައެވެ. އެގޮތުން ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެކި ގޮތްގޮތުން ކެމްޕެއިން ކުރާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ.