ޚަބަރު

ރޭޑިޔޯ ޖަމިއްޔާއެއް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށްފި


ރާއްޖޭގެ ރޭޑިޔޯތައް ތަމްސީލްކުރާ ޖަމްޢިއްޔާއެއް އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް 6 ރޭޑިޔޯ ސްޓޭޝަނެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބައިނަލްއަޤްވާމީ ރޭޑިޔޯ ދުވަސް ފާހަގަކުރުމަށް ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިޔާތުގައި، މިއަދު ހަވީރު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައެވެ.މި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ރޭޑިޔޯ ސްޓޭޝަންތަކަކީ ދިވެހިރާއްޖޭގެ އަޑު ދިވެހި އެފްއެމް، ވީ އެފް އެމް، ދީނުގެ އަޑު، ކެޕިޓަލް ރޭޑިޔޯ، އެޓޯލް ރޭޑިޔޯއެވެ. މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރ ރޭޑިއޯ މުހައްމަދު ޝާކިރު ވިދާޅުވީ ހުރިހާ ރޭޑިޔޯތަކެއްގެ ވިސްނުމަކީ ރާއްޖޭގެ ރޭޑިޔޯތައް ކުރިއެރުވުމާއި ތަރައްޤީއަށް މަސައްކަތް ކުރެއްވުންކަމަށެވެ. ރޭޑިޔޯ ކުރިއަށް ގެންގޮސް އެކަށީގެންވާ ގޮތުގައި ހިންގުމަށްޓަކައި މިފަދަ ޖަމިއްޔާއެއްގެ މުހިންމު ކަމާމެދު މި އެއްބަސްވުމުގައި ސޮއިކުރެއްވި ރޭޑިޔޯ ސްޓޭޝަންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވާހަކަދައްކާފައިވެއެވެ.މި މަހާސިންތާގައި ވަނީ ކާރިސާގެ ހާލަތުގައި ރޭޑިޔޯ ބޭނުން ކުރެވޭނެ ގޮތްތައް ގައިޑްކޮށްދިނުމާއި އެކަމާއި ގުޅޭނެ އިންތިޒާމް ހަމަޖައްސާނެ ގޮތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި އޮޅުން ނާރާނެ ފަދައިން ސާފު އިބާރާތުން މައުލޫމާތު ފޯރުކޮށްދިނުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މާއުލޫމާތު މިހާރަށް ވުރެ އިތުރުކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރަށް ހަރުދަނާ ގޮތުގައި ރޭޑިޔޯ ސްޓޭޝަން ހިންގާނެގޮތާއި ހޭލުންތެރިކަމުގެ ޕްރޮގާރާމް އުފައްދާ ފޮނުވުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.