ތިމާވެށި

އައްޑޫ، ފުވައްމުލަށް އަދި ހުވަދުއަތޮޅުގައި ވޭސްޓް މެނޭޖްމެންޓް


މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީއާއި ފުވައްމުލަކާއި ހުވަދުއަތޮޅުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރ ޤާއިމްކުރައްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށްއޮތް 2 މަސްދުވަހުގެ ތެރޭގައި ބީލަމަށް ހުޅުއްވާލެއްވުމަށް ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ހިންގަވަން ނިންމަވައި، އެކަމަށް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، އައްޑޫސިޓީއާއި ފުވައްމުލަކާއި ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދުއަތޮޅު ދެކުނުބުރި ހިމެނޭ އެންމެ ދެކުނުގެ 4 އަތޮޅުގެ ވޭސްޓްމެނޭޖްމެންޓް ސެންޓަރ ޤާއިމްކުރެއްވުމުގެ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަޅުއްވާނެ ތަން މިހާރު ފައިނަލް ކުރައްވާފައިވާ ކަމަށެވެ. އައްޑޫގައި ޤާއިމްކުރައްވާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު ވެގެންދާނީ އެ އަތޮޅުގެ ހުރިހާ ރަށެއްގެ ކުނި ޖަމަކުރާނެ ތަނަށްކަން މިނިސްޓަރ ހާމަކުރެއްވިއެވެ. ފުވައްމުލަކުގައި މިހާރު ހުރި ކުނިކޮށި އިތުރަށް ތަރައްޤީކުރައްވައި، އެތަނަށް ބޭނުންވާ އިކުއިޕްމެންޓްވެސް މިއަހަރުގެ ތެރޭގައި ގެންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ ރަށްރަށުގައި ޤާއިމްކުރައްވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުތައް ހެއްދެވުމުގެ މަސައްކަތްވެސް މިއަހަރުގެތެރޭގައި ކުރިއަށްގެންދަވާނެކަން ހާމަކުރައްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، ތިނަދުއާއި ވިލިގިލީގެ ކުނިކޮށި ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް މި އަހަރު ފަށްޓަވާނެކަމަށެވެ. މި ހުރިހާ ކަމަކަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، މީގެތެރެއިން ބައެއް މަސައްކަތްތަކަށް ބޭރުގެ ލޯން އެހީވެސް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ސަރުކާރުން ދެ ފެންވަރެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމްކުރައްވަން ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ރަށު ފެންވަރު މަރުކަޒުތަކާއި އަތޮޅު ނުވަތަ ސަރަޙައްދީ ފެންވަރުގެ ތަންތަނެވެ. ރަށްރަށުގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމްކުރެއްވުމުގެ ބޭނުމަކީ، އެރަށެއްގައި އުފެދޭ ކުނީގެ ތެރެއިން އެ ސެންޓަރުތަކުން ރައްކާތެރިކަމާއިއެކު ނައްތާލެއްވުމަށް މަގުފަހިކުރެއްވުމެވެ. އަދި ސަރަޙައްދީ އަދި އަތޮޅު ފެންވަރުގެ ސެންޓަރުތަކުން އެ ސެންޓަރެއް ހުންނަ ރަށުގެ ކުންޏާއި އެ ސަރަޙައްދުގެ އެހެން ރަށްރަށުން އެ ސެންޓަރަށް ގެންނަންޖެހޭ ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ އިންތިޒާމް ހަމަޖެއްސަވާނެއެވެ. އަދި ސަރުކާރުގެ އަމަޒަކީ، 2018 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށަކަށް ބޭނުންވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ޤާއިމް ކުރައްވައި ރައްޔިތުންނާއި އެމީހުންގެ ރަށް ކުނީގެ ނުރައްކަލުން ސަލާމަތްކޮށްދެއްވުމެވެ.