ޚަބަރު

އީރާނުން ހަތިޔާރު ވިއްކާކަމުގެ ތުހުމަތު ތަހުޤީޤުކުރުމަށް ގޮވާލައިފި


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އީރާނުގައި އުފައްދާފައިވާ ޑްރޯން ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮ، އެ ކަން ތަހުޤީޤު ކުރުމަށް ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ބާރުތަކުން އ.ދ.އަށް ގޮވައިލައިފިއެވެ. މި ކަމަށް ގޮވައިލައި އ.ދ.ގައި އެދިފައި ވަނީ އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާއި، ޖަރުމަނު ވިލާތުންނެވެ.

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅިގެން އ.ދ.އިން ވަނީ އެ ޤައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އ.ދ.ގެ ސަލަމާތީ މަޖިލީހުގެ ޤަރާރު ނަންބަރު 2231ގެ ދަށުން، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު މަޑުޖައްސައިލުމަށް އެ ޤައުމަށް ވަނީ މަޖުބޫރު ކޮށްފައެވެ. އަދި، ޤަރާރަށް ތަބަޢަވާ ނަމަ، ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ނިންމާފައެވެ.

އީ.ޔޫ.ގެ ތިން ބާރު ކަމުގައިވާ އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތް އަދި ޖަރުމަނު ވިލާތުން ބުނީ، އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީފައި ވަނީ އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރާ ޚިލާފަށް ކަމުގައެވެ. އަދި، މި ކަން ތަހުޤީޤު ކޮށްދިނުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ކިބައިން އެދޭ ކަމުގައެވެ.

"އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2231 ތަންފީޒު ކުރާ ޓީމުން އީރާނުގެ މައްސަލައިގައި މިނިވަން ތަހުޤީޤެއް ހިންގުމަށް އަޅުގަނޑުމެން ފުރިހަމައަށް އެއްބާރުލުން ދޭނަން. ރަޝިޔާއިން ދަނީ އީރާނުގެ ޑްރޯން ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުގެ ޢާންމުންނަށް ހަމަލާ ދެމުން. އެ ހަމަލާތަކުގައި ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުވަމުން،" ގުތެރޭޝްއަށް ފޮނުވި ސިޓީގައި ތިން ޤައުމުގެ ސަފީރުން ވިދާޅުވިއެވެ.

އަދި، ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމަށް ފަރަންސޭސި ވިލާތުން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލައި ޑެ ރެވިއޭރ ވަނީ އީރާނަށް ގޮވައިލައްވާފައެވެ. ޑްރޯން ހަމަލާތައް ދިނުމަށް އެހީތެރިވުމުގެ ގޮތުން އީރާނުގެ ސިފައިން ކްރައިމިޔާގައި ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމެރިކާއިން ދާދިފަހުން ވަނީ ތުހުމަތު ކޮށްފައެވެ.

"އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް ބުނެ ފަތުރަމުންދަ ދަނީ ދޮގު ޚަބަރެއް. މިފަދަ ހަޑިމުޑުދާރު އަމަލުތަކުގައި އ.ދ.ގެ އިދާރާ ބައިވެރި ކުރުވަން ކުރާ މަސައްކަތްތައް ހުއްޓުވާނަން،" އ.ދ.ގައި ރަޝިޔާ ތަމްސީލު ކުރައްވާ ސަފީރު ވަސިލީ ނެބެންޒިޔާ ވިދާޅުވިއެވެ.

ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އީރާނުގައި އުފައްދާފައިވާ ހަތިޔާރު ބޭނުން ކުރާ ކަމަށް ކުރަމުންދާ ތުހުމަތުތައް އީރާނުން ދޮގު ކުރެއެވެ. އަދި، ރަޝިޔާއިން ވެސް ވަނީ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ ހުރިހާ ހަތިޔާރަކީ އެ ޤައުމުގެ އަމިއްލަ އުފެއްދުންތަކެއް ކަމުގައި ބުނަމުންނެވެ.