ކުޅިވަރު

ގައުމީ ކެޕްޓަން އަކުރަމް ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި


ދާދި ފަހުން ލާއޯސްއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި އަނިޔާވެގެން ފޭބި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޢަނީ (އަކޫ) ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

އޭނާއަށް އަނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބުރޫނާއީ ދާރުއްސަލާމް ގައި ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިންނެވެ.

އެ މެޗަށްފަހު ހެދި ޓެސްޓުތަކުން އަކޫގެ ކަކުލުގެ ލިގަމެންޓް އަދި މެނިސްކަސްއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަނީ ދައްކާފައެވެ. އެހެންކަމުން އަކޫ ވަނީ ދާދިފަހުން ޓްރީޓޮޕް ހޮސްޕިޓަލުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން އަކޫއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ އަހަރުގެ ތެރޭގައެވެ. އައު ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން އަންނަ އަހަރުގެ މާޗު މަހަށް ތައްޔާރުވާއިރު، އަކޫއަށް ކުޅުމުގެ ތެރެެއަށް އާދެވޭނީ އޭގެ ފަހުން ކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަކޫ ވަނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ކާމިޔާބުކުރި ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގައިވެސް އޭނާ ހިމެނެއެވެ.

ކުލަބު ވެލެންސިއާއިން 2006 ވަނަ އަހަރު ކެރިއަރު ފެށި އަކޫ ވަނީ އޭގެ ޖެހިގެން އައި އަހަރުން ފެށިގެން ދެ އަހަރު ވަންދެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެފައެވެ. އަދި އެ ޓީމު ދޫކޮށް 2010 ގައި ވީބީ ސްޕޯޓްސް ކުލަބަށް ބަދަލުވުމަށް ފަހު އޭގެ ޖެހިގެން އައި އަހަރު ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފައެވެ. އަދި 2012 ގައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅުމަށްފަހު 2013 ގައި އަނެއްކާވެސް ވަނީ ވެލެންސިއާއާ ގުޅެފައެވެ. އަދި އޭގެ ޖެހިގެން އައި އަހަރު ނިއު ރޭޑިއަންޓަށް ކުޅުމަށްފަހު 2016 އަދި 2017 ގައި ކުޅުނީ ވެލެންސިއާއަށެވެ.

ވެލެންސިއާ ގައި ދެ އަހަރު ހޭދަކުރުމަށްފަހު ދެން އޭނާ ގުޅުނީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބަށެވެ. އޭގެފަހުން 2019 ގައި އަނެއްކާވެސް ވެލެންސިއާއަށް ބަދަލުވިއެވެ. އެއަށްފަހު އަކޫ ވަނީ ކުލަބު އީގަލްސް އާއި މާޒިޔާއަށްވެސް ކުޅެފައެވެ.