ކުޅިވަރު

އެސްޓީއޯ އޭދަފުށި ކަޕް: ވެލާ ސްޕޯޓްސްއިން ވަރުގަދަ އެމްވީ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފި


އެސްޓީއޯ އޭދަފުށި ކަޕް 2022 ގައި ވެލާ ސްޕޯޓްސް ކުލަބުން ވަރުގަދަ އެމްވީ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ވެލާ ސްޕޯޓްސްއިނެވެ. މި ލަނޑަކީ ކޯނަރެއްގައި އެމްވީ ޔުނައިޓެޑުގެ ފަހަތަށް ކުޅޭ ހުޒައިރު ހަސަން ގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނދެކެވެ.

އެއަށްފަހު މެޗުގެ ފޯރި އިތުރަށް ގަދަވެއެމްވީ ޔުނައިޓެޑުން އެ ޓީމުގެ ހަމަލާތައް ވަރުގަދަކުރިއިރު، ވެލާ ސްޕޯޓްސްއިން ލަނޑު ޖެހިތާ ހަ މިނެޓު ފަހުން އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެމްވީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަނެވެ. މިއީ މިމުބާރާތުގައި ހައިޝަމް ޖެހި ފަސްވަނަ ލަނޑެވެ. އޭގެ ފަހުން މި މެޗުގައި އެމްވީ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗުގެ 41 ވަނަ މިނެޓުގައި މުޙައްމަދު އަބާން ޖެހި ލަނޑާއެކުއެވެ.

މި މެޗުގެ ފޯރި އިތުރަށް ގަދަވެގެންދިޔައީ ވެލާ ސްޕޯޓްސްގެ މިޑްފީލްޑަރު އިބްރާހީމް ޝަރީފަށް ކުރި ފައުލަކާ ގުޅިގެން އެމްވީ ޔުނައިޓެޑުގެ އިމްތިޝާލް އަބަދުއްރަހީމަށް މެޗުގެ 59 ވަނަ މިނެޓްގައި ދެއްކި ރަތް ކާޑާއެކުއެވެ. އިމްތިޝާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުން ވެލާ ސްޕޯޓްސްއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަ ކޮށްފައެވެ.

އެގޮތުން ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އެމްވީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ވެލާ ސްޕޯޓްސްއިން އުފެއްދިއިރު، މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ވެލާ ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު (މަޖިއްޓޭ) އެވެ. އެ އަށްފަހުވެސް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ވެލާ ސްޕޯޓްސްގެ އާދަމް ނިޒާމް (ކިތުނާ) އަށް ވަނީ ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން އެއްވަރުވެ ލިބުނު އަށް ޕޮއިންޓާއެކު ވެލާ ސްޕޯޓްސްއެވެ. ވެލާއަށް ފައިދާ ހަ ލަނޑު އޮތްއިރު، ދެވަނައިގައި އޮތް ހުސްސޮންގުނަށް ލިބިފައި އޮތީ ހަތް ޕޮއިންޓެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ހޮނިހިރު ދުވަހު ހުސްސޮންގުންނާއި އިރުމަތި އެފްސީ ކުޅޭ މެޗަށްފަހުއެވެ. އެ މެޗުން ހުސްސޮންގުން މެޗުން މޮޅުވެއްޖެނަމަ ފައިނަލުގެ ފުރަތަމަ ޖާގަ އެ ޓީމަށް ކަށަވަރުވެގެންދާނެއެވެ. އަދި އެ މެޗު އެއްވަރު ވެއްޖެނަމަ ނުވަތަ ހުސްސޮންގުން ބަލިވެއްޖެނަމަ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ ވެލާ ސްޕޯޓްސްއަށެވެ.