ޚަބަރު

އިންޓަރޕޯލާއެކު ރާއްޖެއިން ކުރާ މަސައްކަތަށް ޤައުމުތަކުގެ ތައުރީފް


ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ، ޢާންމުންގެ ޢަދަދުވެސް އިތުރުވަމުން އަންނަ މި ދަނޑުވަޅުގައި، އިންޓަޕޯލްގެ ޑޭޓާބޭސްގެ އެހީއަކީ، ރާއްޖޭގައި ކުށް މަދުކުރުމަށް ލިބޭ ވަރަށް ބޮޑު އެހީއެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޓަޕޯލްގެ 90ވަނަ ޖެނެރަލް އެސެމްބްލީގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ އިންޓަޕޯލް ޕްރޮޖެކްޓް "ގެމިނައި"ގެ ކާމިޔާބު ފާހަގަކޮށް މި އެސެމްބްލީގައި ޤައުމުތަކުންވަނީ ތަޢުރީފްކޮށްފައެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން ނުވަތަ އިންޓަރޕީލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭދޭ ޤައުމުތަކުގެ ފުލުހުންގެމެދުގައި އެއްބާރުލުން އުފެއްދުމާއި ކުށްކުރުން ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެކެވެ.

ރާއްޖެއާއި އިންޓަޕޯލްގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގެ އެންމެ ކުދި އަތޮޅުތަކުގައިވެސް ފުލުހުގެ ޚިދުމަތުގެ ކުރީސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، އެއަރޕޯޓް ސެކިއުރިޓީ ބަލަހައްޓާ އިސް ފަރާތްތަކަށް، ފުލުހުންގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް އިންޓަރޕޯލްގެ ޑޭޓާބޭސްތައް މިހާރު ބަލާލެވޭކަމަށެވެ.


އިންޓަރޕޯލުން ފޯރުކޮށްދޭ މަޢުލޫމާތުގެ އެހީގައި، ކުށްތަކުގައި ޝާމިލްވާ މީހުންނާއި ކުށްވެރިންގެ ހައްޔަރުގައި ތިބި މީހުން ދެނެގަނެ، އެފަދަ މައްސަލަތައް ޙައްލުކުރުމަށް ބޮޑު ބާރަކަށްވާކަމަށެވެ. ޚާއްސަކޮށް ޓެރަރިޒަމާއި، ބަދަލުވުމަށް އަންނަ ކުށުގެ ވެށީގައި ޝާމިލްވާ މީހުންނާއި، އެފަދަ ކުށްތައް ކުރާ މީހުން ދެނެގަތުމާގުޅޭ ގިނަ މަޢުލޫމާތުތައް ލިބެމުންދާކަމަށެވެ.

2019ވަނަ އަހަރު، މޯލްޑިވްސް އިމިގްރޭޝަންސްގެ ބޯޑަރ މެނޭޖްމަންޓްގެ މަސައްކަތްތަކުގައާއި ކަސްޓަމްސްގެ މަސައްކަތުގައިވެސް އިންޓަޕޯލްގެ މަޢުލޫމާތުވަނީ ބޭނުންކުރަން ފަށާފައެވެ. އަދި 2020ގެ ތެރޭގައި ފުލުހުންގެ ތަހުގީގުތަކާ ގުޅުންހުރި ހުރިހާ މަސައްކަތެއް، އިންޓަޕޯލްގެ ރައްކާތެރި ނިޒާމުގެތެރެއިން ގުޅާލާފައިވެއެވެ.

އެންމެ ބޮޑު ކާމިޔާބީއަކީ 2021ވަނަ އަހަރު ފުލުހުންގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް، އިންޓަޕޯލްގެ ކްރިމިނަލް އިންފޮމޭޝަން ސިސްޓަމް "އިޓަޕޯލް ފައިންޑް" ގެ ޚިދުމަތާ ގުޅާލެވި ލިބުނު ކުރިއެރުންކަމަށް ސީޕީ ވިދާޅުވިއެވެ.

ކުރިމަގުގައި އިންޓަޕޯލްގެ ތެރެއަށް، ޤާނޫނުތައް ތަންފިޒްކުރުމުގެ މަސައްކަތުގެ ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތައްވެސް ބައިވެރިކުރާ މިންވަރު އިތުރުވެގެން ދިއުމުގެ މުހިންމުކަން ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީވަނީ ކުރިއަށް އޮތް ތަނުގައިވެސް އިންޓަޕޯލްގެ މަސައްކަތްތަކަށް ރާއްޖެއިން ލިބެންވާ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވެފައެވެ.

އިއިންޓަޕޯލްގެ 90ވަނަ ޖެނެރަލް އެސެމްބްލީގައި ވަނީ ރާއްޖޭގެ އިންޓަޕޯލް ޕްރޮޖެކްޓް "ގެމިނައި"ގެ ކާމިޔާބީ ފާހަގަކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި ބައްދަލުވުމުގައިވަނީ ޖޯގްރަފީ ގޮތުން ބަލާއިރު ރާއްޖެއަކީ 1200އަށްވުރެ ގިނަ ވަކިވަކި ޖަޒީރާ ރަށެއްގެ މައްޗަށް އެކުލެވޭ އަދި އެންމެންނަށް ބޯޑަރު ހުޅުވާލާފައިވާ ޤައުމަކަށް ވާތީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖެމިނައިގެ ދަށުން މުހިންމު މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށް ތައުރީފްކޮށްފައެވެ.

ރާއްޖޭގެ ޤާނޫނު ތަންފީޒުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިންޓަރޕޯލާ ގުޅިގެން މަސައްކަތްކުރުމަށް ފަހިވެފައިވާ ފުރުސަތަކީ މުހިންމު ފިޔަވަޅެއްކަމަށާ، މިއީ ރާއްޖެއަކީ، ފަތުރުވެރިންނާއި ޢާއްމު ރައްޔިތުންނަށްވެސް ރައްކާތެރި އަމާން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ރައްޖެއިން ކުރާ މަސައްކަތަށް ލިބިގެންދިޔަ ބާރެއްގެގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރައްވައެވެ.

ގެމިނައި ޕްރޮޖެކްޓަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ، ބިއުރޯ އޮފް ކައުންޓަރ ޓެރަރިޒަމްގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ އެހީގައި، އިންޓަރޕޯލްގެ އެކި ޑޭޓާބޭސްތަކުގެ އެހީތެރިކަން ވަގުތުން ލިބޭނެ މަގުފަހިވުން ފާހަގަކޮށްލެވެއެވެ. އަދި އިންޓަރޕޯލް ޕޮލިސިންގ ރާއްޖެއިން މިހާރު ވަނީ ޤާއިމުކޮށްފައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޮޑެތި އިންވެސްޓިގޭޝަން ޑިޕާޓްމަންޓްތަކަށް އައި247 ކަނެކްޝަން ވަނީ ފޯރުކޮށްދީފައެވެ. މިހާރު ރާއްޖޭގެ އެންމެ ދުރުރަށެއްގައި މަސައްކަތްކުރާ ފްރަންޓްލައިން ފުލުހުންނަށްވެސް އިންޓަޕޯލްގެ އެކި ޑޭޓާބޭސްތަކުގައި އިންސްޓަންޓް ޗެކްކުރުމުގެ ފުރުޞަތު ފަހިވެ، ބޯޑަރުތަކާއި ފްރަންޓްލައިންގައި ފުލުހުންގެ ޚިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދުނިޔެ އަކީ އަމާން ތަނަކަށް ހެދުމަށް އިންޓަރޕޯލުން ކަނޑައަޅާފައިވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ޕްރޮޖެކްޓް ގެމިނީގެ އެހީގައި ދިވެހި ފުލުހުން މުހިންމު ދައުރެއް އަދާކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.