ޚަބަރު

ފަލަސްޠީނުގެ ޒުވާނެއް ޝަހީދުކޮށްލައިފި


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ އުދުވާންތަކުގައި ފަލަސްޠީނުގެ އިތުރު ޒުވާނެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީންގެ އިސްތިއުމާރީ ސިފައިންގެ ހަމަލާތަކެއްގައި ޝަހީދުވެފައި ވަނީ ޢުދައްޔު ޘަމީމީ ކިޔާ ޒުވާނެކެވެ. އޭނާ ޝަހީދު ކޮށްލުމުން ޔަހޫދީންގެ ދަޢުލަތުގެ ބޮޑުވަޒީރު ޔައިރު ލަޕިދު ވަނީ އެ ކަމާ އުފާ ފާޅު ކުރައްވައި، ޔަހޫދީންގެ ސިފައިންނަށް ތަޢުރީފު ކުރައްވާފައެވެ.

ޘަމީމީ ހޯދައި، ހައްޔަރުކޮށް، ޝަހީދު ކޮށްލަން ޔަހޫދީންގެ ސިފައިން ހުޅަނގު އައްސޭރީގައި އޮޕަރޭޝަނެއް ހިންގަމުންދާތާ 10 ދުވަސް ވެއްޖެއެވެ. އޭނާ ޝަހީދު ކޮށްލާފައި މި ވަނީ، މީގެ 10 ދުވަސް ކުރިން ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވެގެން އުޅޭ ސަރަޙައްދަކަށް ދިން ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޔަހޫދީން ބުނީ، ޘަމީމު ދިން ހަމަލާގައި އިސްރާޢީލުގެ 18 އަހަރުގެ ސިފައިންގެ މީހަކު މަރުވި ކަމުގައެވެ. އެ ހާދިސާ ހިނގާފައި ވަނީ ޝައުފަތު ރެފިޔުޖީ ކޭމްޕުގައެވެ. އެ ހާދިސާއާ ގުޅިގެން ޔަހޫދީ ސިފައިން ވަނީ އެ ކޭމްޕަށް ވެދެނިކުމެވެން އޮތް ހުރިހައި މަގެއް ބަންދުކޮށް، އެ ތަނުގައި ދިރިއުޅެމުންދާ މުސްލިމުންނަށް އެތަކެއް ދުއްތުރާތަކެއް ކޮށްފައެވެ.

"ޓެރެރިސްޓެއް ކަމުގައިވާ ޢުދައްޔު ޘަމީމީ ޝަހީދު ކޮށްލަން ހިންގި އޮޕަރޭޝަނުގައި ބައިވެރިވި އިސްރާޢީލުގެ ސިފައިންނަށް މަރުޙަބާ ކިޔަން،" އެ ކަމުގައި ބައިވެރިވި ޔަހޫދީންގެ ސިފައިންނަށް ތަޢުރީފު ކުރައްވަމުން ލަޕިދު ވިދާޅުވިއެވެ. ޔަހޫދީން ވެރިވެގަނެ، އަތްގަދަ ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާޢީލުގެ ސިފައިން ހިންގަމުންދާ އުދުވާންތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.

ޔަހޫދީންގެ އަނިޔާވެރި ކަމުގައި މި އަހަރުގެ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 100އިން މައްޗަށް އަރާފައެވެ. މިއީ، ފާއިތުވި ހަތް އަހަރަށް ބަލާއިރު މިހާ ގިނަ އަދަދަކަށް ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކޮށްލާފައިވާ އަހަރު ކަމުގައި އ.ދ.އިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް، ޔަހޫދީންގެ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އ.ދ.އިން މާ ބޮޑު މަސައްކަތްތަކެއް ކޮށްފައިވާތަން ފެންނާކަށް ނެތެވެ.

ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކުރިއެވެ. އިސްރާޢީލުން ދަނީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ އަދަދު މިހާރު ވަނީ 475,000އަށްވުރެ މައްޗަށް އަރާފައެވެ. މިއީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ޤަބޫލު ކުރި ނަމަވެސް، އެ ކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.