ޚަބަރު

ސަރުކާރުގެ ވަފްދެއް ކޮމަންވެލްތުގެ އެސް.ޖީއާ ބައްދަލުކޮށްފި


ދިވެހި ސަރުކާރުގެ އިސް ވަފްދެއް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާއި ބައްދަލުކުރައްވާ، ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. ކޮމަންވެލްތް ސެކްރެޓޭރިއަޓްގައި އޮތް މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ވަފްދުގައި އިސްބޭފުޅެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނެވެ. މި ވަފްދުގައި ދެން ހިމެނިވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ އާއި ބަންޑާރަ ނައިބު އަލްއުސްތާޛް މުޙައްމަދު އަނިލެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާބެހޭ ކަންތައްތައް ހިމެނޭކަމަށެވެ. އަދި، ދާދި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ދަތުރާއިބެހޭ ގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސީ.މެގްގެ ވަފްދުން ރާއްޖެއަށް ކުރި ދަތުރާއި ގުޅިގެން، ކޮމަންވެލްތާއި ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަން ހާމަވެގެންދާކަމަށް ކަމަލޭޝް ޝަރްމާ ވިދާޅުވެފައިވާކަމަށް ދިވެހި ޚާރިޖިއްޔާއިން މަޢުލޫމާތުދެއްވައެވެ.