ދުނިޔޭގެ ވިޔަފާރި

ޔޫއޭއީ އިން ޔުކްރެއިންއަށް އެހީ ވަނީ


ރަޝިއާ ޔުކްރެއިން ހަނގުރާމައިގައި ޔުކްރެއިން އަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ޔުނައިޓެޑް އަރެބް އެމިރޭޓްސް، ޔޫއޭއީ އިން އިންސާނީ އެހީގެ ގޮތުގައި 100 މިލިއަން އެމެރިކާ ޑޮލަރު ޔުކްރެއިންއަށް ދިނުމަށް ނިންމައިފިއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ, އެމިރޭޓްސް ނިއުސް އޭޖެންސީން ބުނި ގޮތުގައި އެގައުމުން ފޯރުކޮށްދޭ އެހީ އަކީ ޔުކްރޭންގައި ހާލުގައި ޖެހިފައި ތިބި އާންމުންނަށް ވެދޭ އެހީއެކެވެ. މީގެއިތުރުން މި އެހީގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރުމާއި އިންސާނީ ވަސީލަތްތަކަށް ބޭނުންޖެހިފައި ތިބި އާންމުންނަށް އެހީތެރިވުން ކަމުގައި ޔޫއޭއީ މިނިސްޓަރ ފޮރ އިންޓަރނޭޝަނަލް ކޯޕަރޭޝަން ރީމް ބިންތު އިބްރާހީމް ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ޔޫއޭއީ އިން ޔުކްރޭނަށް އެހީތެރިވާނެ ކަމަށާއި ދުނިޔޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަކީ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި އެހީ އަކީ ޔޫއޭއީއިން ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޔުކްރޭންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ފޯނުން މަޝްވަރާ ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޔޫއޭއިން ހަމަޖެއްސި އެހީ އެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ދެ ލީޑަރުން ދެއްކެވި ވާހަކަތަކުގައި ޔުކްރޭން ހަނގުރާމަ ނިންމުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ޔޫއޭއީ މެދުވެރިއެއްގެ ދައުރު ކުޅެދެއްވާނެ ކަމަށް ވެސް ޔޫއޭއީގެ ރައީސް ވިދާޅުވިއެވެ.

ޝައިޚް މުހައްމަދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރަޝިއާއަށް ވަޑައިގެން ރައީސް ވޮލޮޑޮމީރު ޕޫޓިންއާ ވެސް މަޝްވަރާ ކުރައްވާފައެވެ.

ޔޫއޭއީގެ އިތުރުން ސައޫދީ އަރަބިއާ އިންވެސް ޔުކްރެއިން އަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް މީގެކުރިން ވަނީ ބުނެފައެވެ. އަދި ޔޫރަޕް އިއްތިހާދުގެ ފަރާތުން ހުށަހަޅާފައިވާ މާލީ އެހީގެ ފުރަތަމަ ބައި ވެސް ޔުކްރެއިން އަށް މިހާރު ވަނީ ލިބިފައެވެ.