ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތަށް އޮސްޓްރޭލިއާގެ ފްރެންކްސްޓަން ޕެނިންސިއުލާ ކްރިކެޓް ކުލަބަށް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްޓަން ޕެނިންސިއުލާއަށް ކުޅުމުގެ ފުރުސަތު އަޒްޔާނަށް ތަނަވަސްކޮށްދިނީ މީގެކުރިންވެސް އެ ގައުމުގައި އަޒްޔާނަށް ކުޅުމުގެ ފުރުސަތު ހޯދައިދިން ކޯޗު ޑީން ވުޑްފޯޑެވެ.
އުމުރުން 22 އަހަރުގެ އަޒްޔާން ވަނީ ޑީން ވުޑްވޯޑުގެ އެހީތެރިކަމާއެކު ދެ އަހަރު ވަންދެން ވިކްޓޯރިއާގެ އެހެން ކުލަބެއް ކަމަށްވާ ކެންގަރޫސް ކްރިކެޓް ކުލަބަށް ކުޅެފައެވެ. އެއީ 2018 އަދި 2019 ވަނަ އަހަރުގައެވެ.
މިއަހަރުވެސް ކެންގަރޫސްއަށް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނު ނަމަވެސް އައު ކުލަބެއް ހިޔާރުކުރީ އައު ޗެލެންޖަކާ ކުރިމަތިލުމުގެ ބޭނުމުގައި ކަމަށް އަޒްޔާން ވަނީ ފާހަގަކޮށްފައެވެ. އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވާ ވިކްޓޯރިއަން ޕްރިމިއާ ލީގުގެ މެޗުތައް އެންމެ ފުރަތަމަ ތާވަލުކުރީ މިދިޔަ ހަފުތާގައި ފެށުމަށެވެ. ނަމަވެސް އެ ދުވަސްވަރު މޫސުން ތަން ނުދިނުމުން ވަނީ ފަސްކޮށްފައެވެ.
އޮސްޓްރޭލިއާގެ މަތީ ފެންވަރުގެ ކުޅުންތެރިންވެސް ވާދަކުރަމުން އަންނަ ވިކްޓޯރިއަން ޕްރިމިއާ ލީގަކީ އެ ގައުމުގައި އަރަމުން އަންނަ ކްރިކެޓް ކުޅުންތެރިންނަށް މުހިންމު މުބާރާތެކެވެ. އެ މުބާރާތުގެ ސަބަބުން އަޒްޔާނަށް ގިނަ ތަޖުރިބާތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ވަނީ މީގެކުރިން ފާހަގަކޮށްފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަޒްޔާން ދަނީ ގައުމީ ކްރިކެޓް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ފުރުސަތާއެކު އަޒްޔާންގެ އަމާޒަކީ އިތުރު ކުރިއެރުންތަކެއް ހޯދުމެވެ.