އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ކައްކާނި އެފްސީން ފަހިކޮށްފިއެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު އެ ޓީމުން ހޯދީ އިރުމަތި އެފްސީއާ ބައްދަލުކުރި މެޗުން މޮޅުވެގެންނެނެވެ. ބުރާސްފަތި ދުވަހުގެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިމުބާރާތުގައި އެއްް މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހި މެޗެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ކައްކާނި އެފްސީއަށް ލިބުނު މި މެޗްގެ ފުރަތަމަ ލަނޑު ޖެހީ މެޗު ފެށިގެން ހަވަނަ މިނެޓުގައި އަލީ ނަސީރެވެ. އޭނާ ވަނީ މުޅި މެޗުގައި އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. އެގޮތުން އަލީ ނަސީރު ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރީ ފަހު ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައެވެ.
މި މެޗުގައި ކައްކާނި އެފްސީގެ މދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ އީގާން އަބްދުލް މަޖީދެވެ. އަދި މެޗުގެ ތިންވަނަ ލަނޑާއި ހަވަނަ ލަނޑު ކައްކާނި އެފްސީއަށް ކާމިޔާބުކޮށްދިނީ ހަސަން ރަމީޒެވެ.
ކައްކާނި އެފްސީގެ ހަތަރުވަނަ ލަނޑއި ފަސްވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅުކުޅުމެއް ދެއްކި އަދި މޮޅު ކުޅުންތެރިއަކަށް ހޮވުނު ސަސް ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ އަޙްމަދު އައިހަމެވެ.
މެޗުގެ ފަހު ހާފުގައި ލަނޑު ޖަހާނެ ދެ ފުރުސަތެއް އިރުމަތި އެފްސީއަށް ލިބުނު ނަމަވެސް، އެއިން އެއްވެސް ބޯޅައެއް ގޯލާ އަމާޒުކޮށް ފޮނުވާލެވޭގޮތެއް ނުވިއެވެ. ކައްކާނި އެފްސީން ޖެހި ހަތްވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިސްމާޢީލް ނަސީރުއެވެ. އަދި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝުއައިބް އަލީ އާއި ރުޝްދާން އިބްރާހީމެވެ.
މި މެޗުން ކައްކާނި އެފްސީ މޮޅުވުމުން އެ ޓީމު މިހާރު އޮތީ ތާވަލުގެ ވަނައިގައި ލަނޑުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އެމްވީ ޔުނައިޓެޑަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި މުބާރާތުގައި އެ ދެ ޓީމު ބައްދަލުކުރާނީ ލީގު އުސޫލުން ކުޅޭ ފަހު މެޗުގައެވެ.
މުބާރާތުގައި ހުކުރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ ސްޕޯޓް ކުލަބާއި އެމްވީ ޔުނައިޓެޑެވެ. އެ މެޗުން ވެލާ މޮޅުވެއްޖެނަމަ ފައިނަލުގެ ފުރަތަމަ ޖާގަ އެ ޓީމަށް ކަށަވަރުވުން ވަރަށް ގާތެވެ. އެކަން ޔަގީންވާނީ ހުސްސޮންގުންނާއި މިހާރު މުބާރާތުން ކަޓައިފައިވާ އިރުމަތި އެފްސީ ބައްދަލުކުރާ މެޗުގައި ގިނަ ލަނޑުތަކެއް ހުސްސޮންގުންނަށް ނުޖެހިއްޖެނަމައެވެ.