ޚަބަރު

އައި.އެސް ޖަމާއަތް ނައްތާލެވޭނީ އަސަދު މަޤާމުން ދުރުކޮށްގެން


އައި.އެސް ޖަމާއަތް ނައްތާލެވޭނީ ސޫރިޔާގެ ރައީސް ބަޝާރުލް އަސަދު މަގާމުން ދުރުކުރެވިގެން ކަމަށާއި، މިކަން ވަރަށް އަވަހަށް ކާމިޔާބު ކުރާނޭކަމަށް ސައުދީ ހާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.މިއުނިކްގައި ކުރިޔަށްދިޔަ ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސައުދީ ހާރިޖީ ވަޒީރު އަބްދުލް އަލް ޖުބައިރު ވަނީ އަސަދަކީ މެދުއިރުމައްޗަށް ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ޓެރަރިސްޓުން ގިނަވާ އެންމެ ބޮޑުއެއް ސަބަބުކަމަށް ސިފަކުރައްވާފައެވެ. އަދި މެދު އިރުމައްޗަށާ ސޫރިޔާއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން އައްސަދު މަޤާމުން ވަކިކުރަން ޖެހޭ ކަމަށް ޖުބައިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަމާޒަކީ ސޫރިޔާގެ ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް ގެނައުންކަމަށެވެ.ސައުދީގެ ހާރިޖީ ވަޒީރު ވިދާޅުވީ ސޫރިޔާގެ 300 ހާހަށް ވުރެން ގިނަ ރައްޔިތުން މަރުވެ، 11 މިލިއަން ރައްޔިތުން އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށްދަތުރު ކުރަން ޖެހި، މުޅި ޤައުމު ސުންނާފަތި ވެފައިވަނީ އަސަދުގެ ސަބަބުން ކަމަށެވެ. ޖުބައިރުގެ ވާހަކައިގައި ވަނީ އަސަދު އޭނާގެ ޤައުމުގެ ޖަލުތަކުގައި ތިބި ހައްދުފަހަނަ އަޅާފައިވާ މީހުން ދޫކޮށްލުން އެއީ އައި.އެސް ވަރުގަދަ ކުރުމުގައި ބޮޑު ރޯލެއް އަދާކުރި ކަމެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ސޫރިޔާގައި އައި.އެސް ވަރުގަދަ ވަމުން ދިޔައިރު އަސަދު އެމީހުން ހުއްޓުވާ ނައްތާލުމަށް މަސައްކަތްކުރައްވާފައި ނުވާކަމަށް ޖުބައިރު ތުހުމަތު ކުރެއްވިއެވެ.