ދުނިޔެ

ޓައިވާން ބިންހެލުމުގައި މިހާތަނަށް 94 މީހުން މަރުވެފައިވޭ


މިދިޔަ ހަފްތާގައި ޓައިވާންގެ ޓައިނާނަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 94 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ. މި ހާދިސާގައި އަދިވެސް 42 މީހުން ގެއްލިފައިވާ ކަމަށްވެސް މީހުން ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ. މިހާތަނަށް ފެނިފައިވާ މީހުންގެ ޖަނާޒާތައް ކުރިއަށްދާ ކަމަށް އެގައުމުގެ މީޑިޔާތަކުން ބުނެއެވެ.ރެކްޓަރ މިންގަޑުން 6.7 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި މަރުވި އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާތާ މިހާރު 148 ގަޑިއިރުވެފައިވާ އިރު، އިމާރާތްތަކުގެ އަޑީގައި ދަށުވެފައިވާ މީހުން ދިރިތިއްބާ ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން ނެތް ކަމަށް މީހުން ހޯދުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ވާނޭ ކަމަށް ލަފާކުރެވިފައިވެއެވެ. މި ހާދިސާގައި އިމާރާތްތައް ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމުން ގިނަ ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުންގެ އާއިލާތަކުން ވަނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.