އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑާވން ނޫނޭޒެވެ. މިއީ އޭނާ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މެޗްގެ ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ވެސްޓް ހޭމަށް ވަނީ ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ދިފާއުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ބޮވެންއަށް ލިވަޕޫލުގެ ޖޯ ގޯމޭޒް ކުރި ފައުލަކަށް، ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.
މީގެއިތުރުންވެސް މި މެޗުގައި ލަނޑު ޖަހާނެ ރަނގަލު ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން ދެވަނަ ހާފުގައި ލިވަޕޫލުގެ ނޫނޭޒް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 10 މެޗުން ލިބިފައިވާ 16 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު މިހާރު ވަނީ 11 ޕޮއިންޓަށް ކުޑަކޮށްފައެވެ. މީގެ އިތުރުން މި ނަތީޖާއާއެކު ވެސްޓް ހޭމް މިހާރު އުޅެނީ 11 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.