އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މި މެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލަނޑެއް ނުޖެހުނު ނަމަވެސް، އެޓީމުން ވަނީ މި ހާފުގައި ސްޕާސްގެ ގޯލަށް 19 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްޕާސްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ. އެގޮތުން އޭނާ ވަނީ ނުރައްކާތެރި ފަސް ހަމަލާއެއް ދިފާއުކޮށްފައެވެ.
މި މެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓްގައި ޖަހައިދިނީ ފްރެޑްއެވެ. އަދި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
މި ކާމިޔާބީއާއެކު ޔުނައޓެޑް މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު ވަނީ ހަތް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި މި މެޗުން ބަލިވުމުން ސްޕާސްއަށް ވަނީ ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފައެވެ. އެގޮތުން އެ ޓީމަށް ލިބިފައިވަނީ 11 މެޗުން 23 ޕޮއިންޓެވެ.