ޚަބަރު

ލޮނުފެން ލީކުވާ ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި


މާލޭ ސިޓީ ކައުންސިލުން ދޫކުރަން ޖެހޭ ހުއްދަތައް ލިބުމާއެކު، ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާއިން ބިމުގެ އަޑިން ފަޅައިގެން ގޮސްފައި އޮތް ހޮޅީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުގަނޑުގެ އަޑީގައި އަޅާފައިވާ ފެން ހޮޅިއަކީ ސްޓެލްކޯއަށް ބޭނުންވާ ލޮނު ފެން ނެގުމަށް އަޅާފައިވާ ހޮޅިއެކެވެ. މި ހޮޅި ފަޅައިގެން މަގުމަައްޗަށް ލުނުފެން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީކައުންސިލުން ހުއްދަ ނުލިބުމުންކަމަށް ވިދާޅުވެ، ސްޓެލްކޯއިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ ހުއްދަދީފައެވެ.

މިއާއެކު މިހާރު އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިގޮތުން ފެން ލީކުވާ މައްސަލަ ހައްލުކުރުމަށްޓަލައި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ވަނީ ފަށާފައެވެ. ސްޓެލްކޯއިން ވިދާޅުވީ އެ މަސައްކަތް ކުރަންޖެހޭނީ ތާރުގަނޑު ނަގައިގެންކަމަށާއި ތާރުގަނޑު ތަޅާލުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ސްޓެލްކޯއިން ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކަށް ސިޓީކައުންސިލުން ދީފައިވަނީ 3 ދުވަހުގެ މުއްދަތެއްކަމަށެވެ.

ބޮޑުތަކުރުފާނުމަގުން ސްޓެލްކޯގެ ގޭޓް ނަންބަރު 2ކާއި ދިމާއިން މަގުގެ ތާރަމަގުގެ މެދުން ފެން އަރަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވުމުން ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި އެއީ އެކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވަނީ މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހިދާނެކަމަށް ވިދާޅުވެފައެވެ.