ޚަބަރު

ދެކުނު އިރުމަތީ އޭޝިއާގައި ބާއްވާ އެންމެ މަޤްބޫލު ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ


ދެކުނު އިރުމަތީ އޭޝިއާގައި ބާއްވާ އެންމެ މަޤްބޫލު އެއް ފެއަރ ކަމުގައިވާ އައިޓީބީ އޭޝިއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އައިޓީބީ އޭޝިއާގައި މޯލްޑިވްސް މަރކެޓިންގ އެންޑު ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ. މި ފެއަރ ކުރިއަށްދަނީ ސިންގަޕޫރުގެ ސޭންޑްސް އެކްސްޕ÷ޯ އަދި ކޮންވެންޝަން ސެންޓަރގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މި ފެއަރގައި ބައިވެރިވުމުގެ މަޤުސަދަކީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ޕްރޮޕަޓީޓައް އިޝްތިހާރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އައިޓީބީ އޭޝިއާ އަކީ އޭޝިއާ ޕެސިފިކް ޓްރެވަލް ޓްރޭޑަށް އަމާޒުކޮށް ކުރިއަށްދާ އެންމެ މަގުބޫލު އެއް ބީޓުބީ ފެއަރއެވެ. އޭޝިއާ ޕެސިފިކް، ޔޫރަޕް، އެމެރިކާ، އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ ގިނަ ކުންފުނިތަކުން މި ފެއަރގައި ބައިވެރިވެއެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިން، އެއަރޕޯޓު، ހޮޓެލް، ރިސޯޓު އަދި ތީމް ޕާކްތައް ފަދަ ފަތުރުވެރިކަމުގެ ސިނާއަތުގައި ތަފާތު އެކި ދާއިރާތަކަށް ނިސްބަތްވާ ކުންފުނިތައް ހިމެނެއެވެ.

މި ފެއަރ މެދުވެރިކޮށް އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްސްޓުތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރާނެއެވެ. އަދި މި ދުވަސްވަރު ދަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓުކުރާނެއެވެ.

މި ފެއަރގައި 'ޑެސްޓިނޭޝަން ރީޑިސްކަވަރީސް' ގެ ނަމުގައި ކުރިއަށްދާ ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ ޗީފު އެގްސެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ބައިވެރިވާނެއެވެ. ޖަޕާން ނޭޝަނަލް ޓޫރިޒަމް އޯގަނައިޒޭޝަން މި ޕެނަލްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މި ފެނަލްގަިއ ތޮއްޔިބު ވާހަކަދައްކަވާނީ ޑިޖިޓަލް ކޭމްޕޭންތަކާއި ވަރޗުއަލް އިވެންޓްތަކާއި ހައިބްރިޑް އިވެންޓްތަކުގެ މުހިންމުކަމާ ބެހޭގޮތުންނެވެ. އަދި ބަދަލުވަމުންދާ ޓްރެވަލާ ޓްރެންޑުތަކާ ބެހޭގޮތުންވެސް މި ޕެނަލްގައި ތައްޔިބު ވާހަކަދައްކަވާނެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން ރާއްޖެއަށް 23080 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. މި މަރކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރޭގައި ސްޓޭކްހޯލްޑަރުންނާއިއެކު ހިންގާ ޖޮއިންޓު މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ- ލާނިންގ ޕްރޮގްރާމްތައް ހިމެނެއެވެ.