ޚަބަރު

އޮސްޓްރިއަން އެއާލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް


އޮސްޓްރިއަން އެއަރލައިންސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެއަރލައިނުން ނިންމައިފިއެވެ.

ފިނި މޫސުމަށް ޙާއްސަކޮށް ފަށާ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ވިއެނާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދުއެވެ. އޮސްޓްރިއަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަންގާރަ ދުވަހު ފަށާފައިވާއިރު، ހަފްތާއަކު ތިން ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ.

އޮސްޓްރީއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮސްޓްރިއާއިން ރާއްޖެއަށް 17000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެއެވެ. އޮސްޓްރިއާ އެއާލައިންސްގެ ސީދާ ދަތުރުތައް ފެށުމުން ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

އަހަރުގެ ފަހުކޮޅު ނުވަތަ ފިނި މޫސުމާއި ދިމާކޮށް 60 މަންޒިލަކަށް އޮސްޓްރިއަން އެއަރލައިނުންދަނީ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.