ޚަބަރު

2 ވަނަ ކުއާޓަރުގައި މަސް ގަނެފައިވާ މިންވަރު 10 އިންސައްތަ އިތުުރު


މިއަހަރުގެ 2 ވަނަ ކުއާޓަަރުގައި މަސް ކުންފުނިތަކުން 17878 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރޭ އިކޮނޮމިކް ބުލެޓިން ރިޕޯޓުގައިވާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި މަސްވެރިންގެ އަތުން މަސް ގަނެފައިވާ މިންވަރަކީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 އިންސައްތަ އިތުުރު އަދަދެކެވެ.

މަސް ގަނެފައިވާ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ބުނެފައިވަނީ ކަޅުބިލަމަސް އަދި ރީނދޫއުރަހަ ކަންނެލި ގަނެފައިވާ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. މިއީ އެ ކުއާޓަރުގެތެރޭގައި މިފްކޯއިން މަސްގަތުން ކޮންޓްރޯލްކޮށްފައި އޮތް އޮތުން ދޫކޮށްލުމުންކަމަށްވެސް އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދެވަނަ ކުއާޓަރުގައި ރީނދޫއުރަހަ ކަންނެލީގެ އަގުތައް ހުރީ ކިލޯއެއް 90.8 ރުފިޔާއަށެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަންނެލި ކިލޯއެއްގެ އަގު ހުރީ 89.6 ރުފިޔާގައެވެ.

މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރު އިތުރުވި ނަމަވެސް، މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިންވަނީ 19811 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ 7 އިންސައްތަ ދަށްވެފައެވެ.

މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓުކޮށްފައިވާ ގަނޑުކުރި ކަޅުބިލަމަހާއި، ގަނޑުކުރި ރީނދޫއުރަހަ ކަންނެލި އަދި ދަޅުގައާއި ޕައުޗުގައި ބަންދުކުރާ މަހުގެ އަދަދު ދަށްވުމެވެ.